31 Jul 2016, 20:36
އެންޑޯކްރައިން ލެބޯޓެރީގެ ޚިދުމަތް އޭޑީކޭ ހޮސްޕިޓަލްގައި މިއަދު ތައާރަފް ކޮށްފި އެވެ.
އެންޑޯކްރައިން ލެބޯޓެރީގެ ޚިދުމަތް ތައާރަފްކުރުމަށްފަހު އޭޑީކޭ ހޮސްޕިޓަލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަލީ ނިޔާފް ވިދާޅުވީ، އެންޑޯކްރައިން ލެބޯޓަރީ އަކީ އެހެން ލެބޯޓަރީ ތަކާ ޚިލާފަށް ބަލިމީހާގެ ހަށިގަނޑުގައި އެވަގުތަކު ހިނގަމުންދާ ފަންކްޝަންއެއް މެޝާރކުރުމުގެ ގާބިލްކަން ލިބިގެންވާ ލެބޯޓެރީ އެއް ކަމަށެވެ. އަދި އެ ލެބޯޓެރީގައި ހަދާ ޓެސްޓުތަކަކީ ލޭ ނުވަތަ އެހެން ފްލުއިޑެއް ނަގައިގެން ހަދާ ޓެސްޓުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ލެބޯޓަރީން ހަކުރުބަލީގެ ބަލިމީހުން ދުރާލާ ސްކްރީންކޮށް ކޮމްޕްލިކޭޝަން އެއް އައުމުގެ އަލާމާތްތަކެއް ހުރިތޯ ބަލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ، އެ ލެބޯޓަރީގެ ޚިދުމަތްތައް މާދަމާއިން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ މެންދުރު ތިނަކުން ފެށިގެން ލިބިގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޚިދުމަތްތަކުގެ އަގު އުޅޭނީ 200 ރުފިޔާއިން ފެށިގެން 1600 ރުފިޔާއާ ދެމެދުގައި ކަމަށެވެ. އަދި 97 ޕަސަންޓު ޚިދުމަތްތަކުގެ އަގު އެއްހާސް ރުފިޔާއަށްވުރެ ކުޑަވާނެ ކަމަށް އައްފާލް ވިދާޅުވި އެވެ.
އެ ލެބޯޓަރީގެ ޚިދުމަތް މާދަމާ ފަށާއިރު އާސަންދައިން އެ ޚިދުމަތް ނުލިބޭނެ ކަމަށާއި، ނަމަވެސް ވީހާވެސް އަވަހަށް އާސަންދައިގެ ކަވަރޭޖް އެ ހިދުމަތްތަކަށް ލިބޭތޯ މަސައްކަތް ކުރާނެ ކަމަށްވެސް އަފްއާލް ވިދާޅުވި އެވެ.
"މިކަހަލަ ކޮންމެ ކަމެއް ފަށާއިރުވެސް އަގުތަކަކީ، އާސަންދައަށް ހުށަހަޅައިގެން އެ އަގުތަކަށް އެއްބަސްވުމަކަށް އަންނަ ކަމެއް. އެ ގޮތުން މި މަރުހަލާ އިރާދަކުރެއްވިއްޔާ ވަރަށް ކައިރި މުސްތަގުބަލެއްގަ ހަމަޖެހިގެންދާނެ،" އައްފާލް ވިދާޅުވި އެވެ.