އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް މިހާރު މަޖިލީހަށް ހުށަހެޅިފައިވާގޮތަށް ބަލައިގަތުމަށް ތާއީދު ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ފާރިސް މިހެން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ބިލް މިހާރު އެކުލަވާލެވިފައިވާގޮތާ މެދު ނޫސްވެރިންނާއި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ފާރިސް އެބިލަށް ތާއީދު ނުކުރަން ނިންމާފައިވާއިރު، އޭނާގެ ދައްތަ، އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެފައި ވަނީ ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށެވެ.

އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަށް ބަހުސް ކުރުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.