31 Jul 2016, 14:22
މޫސުން ގޯސްވުމުގެ ސަބަބުން މިނިވަން ދުވަހާއި ގުޅުވައިގެން ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދާ ހަރަކާތްތައް ދިގުލައިގެން ދިއުމުގެ ސަބަބުން އުރީދީ ދިވެހި ޕްރިމިއާ ލީގްގެ ކުޅުން ވެސް ފަސްކޮށްފިއެވެ.
ކުރިން ތާވަލު ކޮށްފައިވާ ގޮތުން މިނިވަން ދުވަހާއި ގުޅުވައިގެން ވެރިރަށް މާލޭގައި ކުރިއަށް ގެންދާ ކުޅިވަރު ތަކުގެ ތެރެއިން މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ރޭގައެވެ. އަދި އެ ހަރަކާތް ތަކަށް ފަހު މާދަމާ ލީގް އަލުން ފެށުމަށް ވަނީ ތާވާލް ކޮށްފައެވެ.
ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން ހޯމް މިނިސްޓްރީ އިން ވަނީ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުތައް މިރޭ އަށް ލަސްކޮށްފައެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް 'ސަން' އަށް ވިދާޅުވީ މިނިވަން ދުވަހުގެ ހަރަކާތްތަކާއި ގުޅިގެން ލީގްގެ ކުޅުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ކަމަށާއި ތިން ވަނަ ދުވަހުން ފެށިގެން ކުރީގެ ތާވަލާއި އެއްގޮތަށް މެޗުތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
ލީގް އަލުން ފަށާއި އިރު އަންނަ ބުދަ ދުވަހު ހަވީރު މާޒިޔާ އާއި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މެޗު ކުޅޭއިރު އެރޭ އޮންނާނީ އީގަލްސް އާއި ބީޖީ ސްޕޯޓްސްގެ މެޗެވެ.