31 Jul 2016, 14:33
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑަށް ކުރިމަތިލުމުގެ އަނެއްކާވެސް އިތުރުކޮށްފި އެވެ.
އެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވަނީ، ކުރިން އެ އެވޯޑަށް ކުރިމަތި ލުމުގެ ފަހު ތާރީހަކަށް މިއަދު ހަމަޖައްސާފައިވަނިކޮށް މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމާފައިވާތީ އެވޯޑުގައި އިތުރަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމަށް ޖެންޑާ މިނިސްޓްރީ އިން ބުންޏެވެ.
އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިފެށޭ އޯގަސްޓު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
ޑިސްއެބިލިޓީ އެވޯޑަކީ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ އާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލާ ގުޅިގެން ދޭ އެވޯޑެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ދެމުން އަންނަ ޑިސެބިލިޓީ އެވޯޑަށް ކުރިމަތިލުމަށް މިއަހަރު ނުވަ ދާއިރާ އަކުން ވަނީ އިއުލާން ކޮށްފައެވެ.
މި އަހަރު އެ އެވޯޑު ދޭން ނިންމާފައިވާ ނުވަ ދާއިރާ އަކީ:
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް (ފަސް ފަރާތެއް)
- ރާއްޖެ އަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތައުލީމު ފޯރުކޮށްދޭ ފަރާތްތައް (ދެ ފަރާތެއް)
- ފަރުދީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (ދެ ފަރާތެއް)
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތައް (އެއް ފަރާތް)
- ފަންނީ ގޮތުން ނުކުޅެދުންތެރިކަމަށް މަސައްކަތްކުރާ ފަރާތްތައް (ދެ ފަރާތެއް)
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަކެތި އަދި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (އެއް ފަރާތް)
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދޭ ފަރާތްތައް (އެއް ފަރާތް)
- ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ހިދުމަތް ދޭ ފަރާތްތައް (އެއް ފަރާތް)
އެންމެ ފަހުން ޑިސްއެބިލިޓީ އެވޯޑު ދީފައި ވަނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު 15 ފަރާތަކަށް ވަނީ އެވޯޑު ހަވާލުކޮށްފަ އެވެ.