25 May 2011, 15:53
ޏ. ފުވައްމުލަކުގައި ކުޑަ އަންހެން ކުއްޖަކު ބަނދެގެން އެކި ފަހަރު މަތިން ޖިންސީ ހާނީއްކަ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 41 އަހަރުގެ މީހާގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބުނީ މި މަހުގެ އަށް ވަނަ ދުވަހު އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް އެ ރަށު ވައިގޭ މުހައްމަދު މުހުތާރު 41، ޖިންސީ ހާނިއްކަ ކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ޕީޖީ އަށް ފޮނުވާފައިވާ ކަމަށާއި އަދި މުހުތާރު އަދިވެސް ހުރީ ފުލުހުންގެ ހައްޔަރުގައި ކަމަށެވެ.
މީގެ އިތުރުން ވެސް މުހުތާރު ހައްޔަރު ކުރަން އުޅުމުން ފުލުހުންގެ ވާޖިބަށް ހުރަސް އެޅި އޭނާގެ ތިން ދަރިންގެ ޝަރީއަތް މިއަދު ފުވައްމުލަކު ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ދައުލަތުން އެ ތިން މީހުންގެ މައްޗަށް ދައުވާ ކުރަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
އެ މައްސަލަ އާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ފުވައްމުލަކު،ވައިގޭ އަހުމަދު މުސްލިމް 20، އާއި ހަމައެގޭ އިބްރާހިމް މުފްލިހް 18، އަކީ ތަފާތު ކުށުގެ ރެކޯޑްތައް އޮތް ދެމީހުންނެވެ. މިދެމީހުންގެ ތެރެއިން އެއް ކުއްޖަކީ ފުވައްމުލަކުގައި ދެމަފިރިއަކު ސައިކަލެއްގައި ދަނިކޮށް އަންހެން މީހާ ހިފަހައްޓައި ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ކުއްޖެކެވެ. އަދި އެ މައްސަލައިގައި ހައްޔަރު ކުރި ތިން ވަނަ ކުއްޖަކީ 18 އަހަރުން ދަށުގެ ކުއްޖެކެވެ.