އިމްޕޯޓް އެކްސްޕޯޓްގެ ލިޔުންތައް ނިންމުމާއި މުދާ ދޫކުރުމުގެ މަސައްކަތަށް މިހާރު ބޭނުންކުރާ "އަސިކުޑާ" ޕްރޮގްރާމްގެ އެންމެ ފަހުގެ ވާޝަންކަމަށްވާ "އަސިކުޑާ ވާލްޑް" އަށް ހިޖުރަކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަސްޓަމްސް އިން ފަށައިފި އެވެ.

އެކްސްޕޯޓް އިމްޕޯޓް މުދާ ކްލިއަކުރުމަށް މިހާރު ބޭނުންކުރާ ނިޒާމަށް ގެންނަ އެ ބަދަލުގެ ސަބަބުން ލިޔެކިޔުންތައް ނިންމުމަށް ހޭދަވާ ވަގުތު ދަށްވެ މުދާ މިހާރަށްވުރެ އަވަހަށް ކްލިއަކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ. އަދި ވިޔަފާރިވެރިންނާއި ބްރޯކަރުންނަށް އެފަރާތްތަކުގެ އޮފީހުގައި ނުވަތަ ގޭގައި ތިބެގެން މުދާ ކްލިއަކުރުމުގެ ކަންކަން ކުރެވޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އެ ނިޒާމުގެ ސަބަބުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ބޭނުން ކުރާ ސިންގަލް ވިންޑޯ ސިސްޓަމް ގާއިމްކުރުމަށް މަގުފަހިވެ، އެކްސްޕޯޓް އިމްޕޯޓާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާ ސަރުކާރުގެ ހުރިހާ އިދާރާތައްވެސް އޮންލައިންކޮށް ގުޅާލުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އެ ނިޒާމު ތައާރަފްކުރުމުގެ ގޮތުން މިހާރު ކުރަމުންދާ މަސައްކަތަކީ ކަސްޓަމްސްގެ އެތެރޭގެ އިންތިޒާމުތައް އާ ނިޒާމާ އެއްގޮތަށް ބަދަލުކުރުމާއި، އިމްޕޯޓް އެކްސްޕޯޓް ކުރާ ފަރާތްތަކަށާއި ކަސްޓަމްސް ބްރޯކަރުންނަށް މައުލޫމާތު ދިނުމުގެ ކަންކަން ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.

އޭގެ އިތުރުން ޓެސްޓިން މަރުހަލާއެއްގެ ގޮތުގައި އެ ނިޒާމު ފުރަތަމަ ތައާރަފްކުރުމަށް ރާވާފައި ވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލޭ ސީޕޯޓްސްގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެއަށްފަހު ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވައިގެމަގުން އަންނަ މުދަލާއި ޕޯސްޓްގެ މަގުން އަންނަ މުދާ ކްލިއާކުރުމުގައި އެ ނިޒާމް ބޭނުންކުރެވޭނެ ކަމަށާއި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރީޖަނަލް ކަސްޓަމްސް ތަކުގައި އަދި ބޮންޑެޑް ވެއާހައުސްތަކުގައި ޑިސެމްބަރު އެކަކުން ފެށިގެން އެ ނިޒާމު ބޭނުންކުރެވޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.