ހައްޖަށްދާ މީހުންނަށް ވިސާ ހޯދައިދޭނެ ކަމަށް ބުނެ ސްރީލަންކާގެ ކުންފުނިތަކުން އޮޅުވާލަމުންދާ ކަމަށް ރާއްޖޭގެ ބައެއް ހައްޖު ގްރޫޕުތަކުން ބުނެފި އެވެ.

ރާއްޖެއިން މީހުން ހައްޖަށްގެންދާ ގްރޫޕެއްގެ އިސް ފަރާތެއް ކަމަށްވާ ހިޔަލީ މުހައްމަދު ރަޝީދު 'ސަން'އަށް ވިދާޅުވީ، ލަންކާގެ ބައެއް ކުންފުނިތަކުން ހައްޖު ދަތުރުތަކާއި އުމްރާ ދަތުރުތަކަށް ފައިސާ ނަގައި ވިސާ ހަމަޖެއްސުމުގައްޔާއި ބަސްދަތުރުތަކާއި އެނޫންވެސް އިންތިޒާމްތައް ހަމަޖެއްސުމުގައި އެއްބަސްވުމާ ޚިލާފުވެ އޮޅުވާލަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދަ އޮޅުވާލުންތަކުގެ ސަބަބުން އިތުރަށް ފައިސާދީގެން ތަންތަން ކުއްޔަށް ހިފުމާއި އެނޫން ވެސް އިންތިޒާމްތައް ހަމަޖައްސަން ޖެހޭ ކަމަށާއި އެ ގްރޫޕަށް ވެސް އެފަދަ ކަންތައްތައް ތަހަންމަލްކުރަންޖެހުނު ކަމަށެވެ.

ހައްޖަށް މީހުން ގެންދާ ބައެއް ގްރޫޕުތަކުން އެގޮތަށް އަމަލުކުރަނީ ހެޔޮ އަގުގައި ސްރީލަންކާއިން އިންތިޒާމްތައް ހަމަޖެހޭތީ ކަމަށާއި ނަމަވެސް އެންމެ ރަނގަޅުގޮތަކީ ރާއްޖެއިން އެފަދަ އިންތިޒާމްތައް ހަމަޖައްސައިދޭ ސީޕްރިއާ އާއި އައިލެންޑް އޭވިއޭޝަން މެދުވެރިކޮށް އެކަންކަން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރު ބަޔަކަށް ދިނުމުގެ ބަދަލުގައި އައިލެންޑްއޭވިއޭޝަން އަދި ސީޕްރިއާ އިން އެކަންކަން ހަމަޖެއްސުން މާ ރަނގަޅުވާނެ. އެހެންނޫނީ އެފަދަ ލަނޑެއް ލިބިއްޖެނަމަ ހައްޖާޖީން ވަރަށް ދަތިހާލުގައި އުޅެންޖެހޭނީ. ޚާއްސަގޮތެއްގައި ދަ ޓްރެވެލާސް ގްލޯބަލް ކޮލަމްބޯ ކުންފުންޏަކީ މިފަދަ އޮޅުވާލުންތައް އޮޅުވާލުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެއް،" ހިޔަލީ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ދަ ޓްރެވެލާސް ގްލޯބަލް ކޮލަމްބޯ ކުންފުނީގެ މާލޭ ބްރާންޗުގެ މެނޭޖިންގ ޑިރެކްޓަރު ޔާމީން އާދަމް ވިދާޅުވީ، އެކުންފުނިން ރާއްޖޭގައި މީހުން ހައްޖަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަތާ 15 ވަރަކަށް އަހަރު ވެފައިވާ ކަމަށާއި އެހެން ނަމަވެސް ވޭތުވެ ދިޔަ ތާންގައި އެފަދަ އޮޅުވާލުމެއްގެ ޝަކުވާ އެ ކުންފުންޏާ ހަމައަށް އެއްވެސް ފަރާތަކުން ގެނެސްފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އައޯޓާ ލައިސަންސް އޮވެގެން ރާއްޖޭގައި މި ހިދުމަތް ދެމުން ގެންދާ ހަމައެކަނި ކުންފުނި. ވަރަށް ބޮޑު ގެރެންޓީއަކާއެކު އެ ފައިސާ ބަހައްޓައިގެން އަޅުގަނޑުމެން ހިދުމަތް ދެމުން މިދަނީ. މަކަރު ހެދުމާ އޮޅުވާލުމުގެ އަމަލެއް މި ކުންފުނީގެ ފަރާތުން ހިންގާފައި ވާނަމަ، އެފަރާތަކަށް އަޅުގަނޑުމެން ބަދަލު ހޯދައިދޭންނަ،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، "ވިޔަފާރިތަކުގައި ބައެއް ފަހަރު، ހިދުމަތް ލިބިގަންނަ ފަރާތް އެންމެ އެދޭގޮތަށް ކަންކަން ނުވެ ހިނގައިދާނެ. އެހެން ނަމަވެސް އެފަދަ ކަންކަމުގައިވެސް އެފަރާތްތަކަށް އެވަރުގެ ބޮޑު ގެއްލުމެއް ލިބިގެން އެކަމުގެ ޝަކުވާ ހުށަހަޅައިފި ނަމަ، މި ކުންފުނިން އެކަން ބަލައި ފިޔަވަޅު އަޅަމުން ދާނެ،" ކަމަށެވެ.