ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން އިންތިޚާބު ކުރުމަށް ޓަކައި މަސައްކަތް ކުރުމަށް ޖާނާއި މާލުން ގުރުބާންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ "ޚަބަރަށް ފަހު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.

"ރައީސް ޔާމީން ޕާޓީން ނަގާ ހުރިހާ ކެންޑިޑޭޓުންނަށް އަޅުގަނޑު ޖާނާއި މާލުން ގުރުބާންވުން، އެއީ ރާއްޖެ ހަމަޖެހޭނީ އެގޮތަށް ވީމާ. ޖާނާމާލުން ގުރުބާންވާނަން ރައީސް ޔާމީނަށް އަޅުގަނޑު ފުލްކޮށް ސަޕޯޓު ދޭނަން،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަސްލު ޕީޕީއެމް އަކީ ރައީސް ޔާމީންގެ ލީޑާޝިޕްގެ ދަށުން ހިނގަމުން އަންނަ ޕީޕީއެމް ކަމަށެވެ.

ވެރިކަން ކުރުމަށް ރާއްޖޭގެ ރައްޔިތުން ވަނީ ރައީސް ޔާމީނަށް ޒިންމާއެއް މަތިކޮށްފައި ކަމަށާއި ސަރުކާރު ހިންގުމުގައި ކައުންސިލަރުންނަކީ ވަރަށް މުހިންމު ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބޭނީ ޕީޕީއެމްއަށް ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކައުންސިލުން ކޮންމެ ރަށެއް ގަވާން ކުރަން މިޖެހެނީ. ކައުންސިލަކީ އެޑްމިނިސްޓްރޭޝަން އެރަށެއްގައި އޮންނަ. އެ އާބާދީއެއްގައި އޮންނަ. އެ އަވަށެއްގައި އޮންނަ. އެހެންވީމާ ކައުންސިލެއްގެ މެޖޯރިޓީ ރައީސުލްޖުމްހޫރިއްޔާ އަށް އޮތީ ކަމަށް ވަންޏާ ރަށްރަށް ތަރައްގީވެގެންދާން ފަސޭހަވާނެތީވެ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ރާއްޖެ ތަރައްގީކުރަން ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ ސިޔާސަތުތައް އޭނާ އަށް ގަބޫލުކުރެވޭ ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލްތަކުގެ މެޖޯރިޓީ ރައީސް ޔާމީނަށް ބޭނުންވާނެ ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް. ޔާމީނު ނަންގަވާނެ. ރައީސް ޔާމީން ނަންގަވާނީ. މިހާރު އޮތީ އެގޮތަށް. މަސައްކަތް ކުރާނެ ހުރިހާ ބޭފުޅުން ވެސް. މެޖޯރިޓީ ނަގާނެ ރައީސް ޔާމީންގެ ޕާޓީ ޕީޕީއެމް އިން،" ޖާބިރު ވިދާޅުވި އެވެ.

ރައީސް ޔާމީނާ އެކު މަސައްކަތްކުރަން ކުރިއަށްވުރެ ފަސޭހަވެއްޖެ ކަމަށާއި އެމަނިކުފާނު އެދިވަޑައިގެންފި ނަމަ ޕީޕީއެމްގައި މަސައްކަތް ކުރަން އޭނާ ހުރީ ތައްޔާރަށް ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް ޔާމީނާ ޕީޕީއެމް ހަވާލުކުރަން ކޯޓުން ކޮށްފައިވާ ހުކުމަށް އިޝާރާތް ކުރައްވައި ޖާބިރު ވިދާޅުވީ ދެމަފިރިންގެ ދެމެދުގައި މައްސަލައެއް ޖެހުނަސް އެކަމުގައި ގޮތް ނިންމަނީ ކޯޓުން ކަމަށާއި އެހެންކަމުން ޕާޓީއެއްގެ ތެރޭގައި މައްސަލަ ޖެހުމުން އެކަމުގައި ގޮތް ނިންމުމުގެ ބާރު ކޯޓުތަކަށް ލިބިގެންވާ ކަމަށެވެ.

"ކޯޓަށް ޕާޓީގެ ހައްގުގައި ދިޔައިމާ ކޯޓުން ރެޒެލިއުޝަން ދޭންޖެހޭނެ އެކަމަށް. ތިމަންނާމެން ޕާޓީން ދިމާވާ މައްސަލަތަކުގައި ކޯޓުގެ ދޮރުގައި ޓަކި ނުޖެހޭނެއޭ ނުދެންނެވޭނެ. އެއީ ދިވެހިރާއްޖޭގެ ކޯޓުގެ ދޮރުގައި ޓަކި ނުޖެހޭނެ މައްސަލައެއް ނޯންނާނެ،" ޖާބިރު ވިދާޅުވި އެވެ.