31 Jul 2016, 13:21
ލ. ކައްދޫ އާއި ފޮނަދޫ ދޭތެރޭގައި އޮންނަ ކޯޒްވޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކެއްގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު މިއަދު 'ސަން' އަށް ވިދާޅުވީ އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށާއި ދެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
"ދެ މީހުންނަށްވެސް މަލްޓިޕްލް އިންޖަރީސް ލިބިފަ ހުރީ. 18 އަހަރުގެ މީހާގެ ފައިވަނީ ބިންދައިގެން ގޮސްފަ،" ޒީނަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާ ލިބުނު 17 އަހަރުގެ ކުއްޖާއަށް އެކިވަރުގެ ޒަަޚަމްތައް ލިބިފައިވާ ކަމަށާއި، ދެމީހުންގެ ހާލުވެސް ރަނގަޅު ކަަމަށެވެ.
އިއްޔެ ހަވީރު 4:00 ހާއިރު އެ އެކްސިޑެންޑު ހިނގާފައިވަނީ ކައްދޫ އާއި ފޮނަދޫ ގުޅޭ ކޯޒްވޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ހޮޅިދަނޑީގައި ޖެހިގެންނެވެ. ސައިކަލުގައި ތިބި ދެމީހުންވެސް ފެނިފައިވަނީ އެ ދިމާލު މޫދުންނެވެ.