ސާޅީސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ރަސްފަންނު ހަދާފައި ވަނީ ވެރިރަށް މާލޭގައި އެފަދަ ތަނެއް ހެދޭނެ އެންމެ ރަނގަޅަށް ކަމަށާއި ބޭރުގެ ތިއަރީތައް މާލެއަށް ނުފެއްތޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ރަސްފަންނު ހަދާފައިވާގޮތާ ގުޅޭ ގޮތުން ކިޔަމުން އަންނަ ފާޑުކިޔުންތަކާ ގުޅިގެން މިނިސްޓަރު މުއިއްޒު ވިދާޅުވީ ފާޑުކިޔަންވާނީ ކަމާބެހޭ ފަރާތްތަކުގެ ބަސް ހޯދައިގެން ކަމަށާއި ރަސްފަންނާއި އެސަރަހައްދުގައި ހަދާފައިވާ އެހެނިހެން ވަސީލަތްތައް ގާއިމްކޮށްފައި ވަނީ މިމާލޭގައި ހެދޭނެ އެންމެ ރަނގަޅަށް ކަމަށެވެ.

"އަޅުގަނޑުމެންނަކަށް މާލޭގެ މަގުތައް ފުޅާކުރެވޭކަށް ހުރީކީއެއްނޫން ބޭރުގެ މަގުތައް ފިޔަވައި ބޭނުންވާ ފުޅާމިނެއްގައި ޕޭމަންޓު ހެދޭކަށް ނެތް، އޭގެ މާނައަކީމިއީ ގޯސް ޑިޒައިނެއް ނޫނޭ، މިކޮންސްޓެންޓުގައި މާލެއަށް ރަނގަޅު ޑިޒައިން، ދެން މިޑިޒައިންގެ ތެރެއިން ނެރޭނެ އެންމެ ރަނގަޅު އައުޓްކަމްއެއް ދެއްތޯ އަޅުގަނޑުމެން ނެރެން ޖެހޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ރަސްފަނުމަގުގައި ފެންބޮޑުވެއްޖެ ނަމަ އެފެން ހިދޭނެ އިންތިޒާމް ހަމަޖެހިފައިނެތް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި މިނިސްޓަރު ވިދާޅުވީ އެސަރަހައްދުގައި ސުޓޯމް ވޯޓާ ސިސްޓަމެއް ގާއިމްކޮށްފައިވާ ކަމަށެވެ. ޕޭވްމަންޓް އާއި ގޮނޑުދޮށާ ދެމެދުގައިވާ އެއް ފޫޓު ފުޅާ ފާރުގެ ބޭނުމަކީ ފެން ހިނދުމަށް ހުރަހަކަށް ނުވާނެ ކަމަށާއި އެފާރުގެ ސަބަބުން މޫދުން އަންނަ ލޮނު މަގަށް ދިއުން ހުއްޓުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މުޅިމާލޭގެ ހުރިހާ މަގެއް ބައްލަވާ އިރާދަކުރެއްތީވީ ރަސްފަންނާއި ގުޅިގެން ހަދާފައިވާ މަގު އެކަނި އޮންނާނީ ފެންބޮޑުނުވެ، އެއްވެސް ވަރަކަށް ފެންބޮޑުނުވާ މަގަކަށް އެންމެ ބޯކޮށް ވާރޭ ވެހޭއިރު ވެސް، އެމަގުގައި ހެދޭފެން ވަރަށް ފަސޭހައިން ޑުރެއިންވެގެން އެބެދޭ، އެއީ ޑުރެއިނޭޖޭއަށާއި ސުޓޯމްވޯޓާއަށް ވިސްނައިގެން ކޮށްފައިހުރީތީ. " މިނިސްޓަރު ވިދާޅުވި އެވެ.

ޖޮގިން ޓުރެކަށް ކިޔާ ފާޑުކިޔުންތަކަށް އަލިއަޅުވާލައި މިނިސްޓަރު ވިދާޅުވީ އެމަސައްކަތަކީ އެންމެ ކުރިންވެސް ޕްލޭން ކުރެވިފައިވާ މަސައްކަތެއް ކަމަށާއި އެމަސައްކަތް ފަހުން ފެށުނީ އޭރު ބަޖެޓު ހަމަނުޖެހުމުން ކަމަށެވެ. ޖޮގިން ޓުރެކް ހަނިކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި މިނިސްޓަރު ވިދާޅުވީ ބޭރު މަގަކީ މުހިންމު މަގަކަށްވުމުން ޖޮގިން ޓުރެކް ފުޅާނުކުރެވި ވަނީ ދުއްވާ އެއްޗިއްސަށް ތަންދިނުމުގެ ގޮތުން ކަމަށެވެ. އެޓުރެކް ހަދާފައިވަނީ މާލޭގައި ތަންލިބެންއޮތް މިންވަރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްފަންނު ގައި ހަދާފައިވާ ޖޮގިން ޓުރެކް-- ސަން ފައިލް ފޮޓޯ

އާންމުކޮށް ހަތަރު މީހުންގެ ޖާގައަށް ޖޮގިން ޓުރެކް ހަދާއިރު ރަސްފަންނު ސަރަހައްދުގައި ހަދާފައިވާ ޖޮގިން ޓުރެކް ހަދާފައި ވަނީ ދެ މީހުންގެ ޖާގައަށެވެ.

އެޖޮގިން ޓުރެކް ކޮންކުރިޓް އެޅި ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ ޓުރެކް ލެވަލް ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެ ޓުރެކުގެ ކޮންމެ ހަތަރު މީޓަރަކުން ޖޮއިންޓެއް ލައްވާފައިވާ އިރު ޓުރެކް މަތީ އަޅާފައިވާ މެޓަކީ ދުވާ މީހުންގެ ފަޔަށް ގެއްލުންނުވާނެހެން ހަދާފައިވާ މެޓެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.