އިސްލާމިކް ފައިނޭންސާއި އިގްތިސާދާ ގުޅޭ ކޯސްތައް ރާއްޖޭގެ ހިންގުމަށްޓަކާ މެލޭޝިއާގެ އިސްލާމިކް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސީފް) އާއެކު އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިސްލާމީ ޔުނިވާސިޓީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މެލޭޝިއާގައި އިސްލާމީ އިގްތިސާދީ ތައުލީމ ފަތުރާ ހަމައެކަނި މުއައްސަސާ، އިންސީފާ އެކު އައިޔޫއެމް އިން ވަނީ ތިން އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

ސޮއިކުރި އެއްބަސްވުމުގެ ތެރޭގައި އިސްލާމީ ފައިނޭންސްއާ ބެހޭ ފައުންޑޭޝަން، ޑިޕްލޮމާ އަދި ބެޗްލާސްގެ މުގައްރިރުތައް އެކުލަވާލުމާ ބެހޭ އެއްބަސްވުމަކާއި އައިޔޫއެމް އާއި އިންސީފްއާ ގުޅިގެން އިސްލާމީ ފައިނޭންސް ދާއިރާގައި މަސައްކަތް ކުރުމުގެ އެއްބަސްވުމެއް ހިމެނެ އެވެ.

މީގެ އިތުރުން ދެ ފަރާތް ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

އެ ތިން އެއްބަސް ވުމުގައި ވެސް އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސްލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އިންސީފްގެ ފަރާތުން ސޮއި ކުރެއްވީ އެ މުއައްސަސާގެ ރައީސް އަދި ސީއީއޯ ޑޭވިޑް ވިކަރީ އަބްދުﷲ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކަކީ އިސްލާމީ ޔުނިވާސިޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ފާހަގަކުރައްވާ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔުނިވާސިޓީގެ ވައިސް ޗާންސެލާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، އިންސީފް އާއެކު މިއަދު ސޮއިކުރި އެއްބަސްވުމާއެކު އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އިސްލާމީ ފައިނޭންސް ދާއިރާގެ ފައުންޑޭޝަން އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތައް އެ ޔުނިވާސިޓީގައި ފެށިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އަންނަ ސެމިސްޓާގައި އިސްލާމިކް ފައިނޭންސްގެ ކޯސްތައް ފައުންޑޭޝަން ލެވެލް އިން ފެށިގެން މާސްޓާސް ލެވަލްއާ ހަމައަށް ކިޔަވައިދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި އިސްލާމީ ފައިނޭންސްގެ ދާއިރާ ވަރަށް ބޮޑަށް ތަރައްގީވަމުން އެބަދޭ. އަދި ހާއްސަކޮށް އިސްލާމިކް ބޭންކުގެ ގޮފިތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުޅުވަމުން އެބަދޭ. އެތަންތަނަށް ބޭނުންވާ މުވައްޒަފުން އެބަ ބޭނުންވޭ. ރާއްޖޭގައި އަދި މިހާތަނަށް އެތަންތަނަށް ބޭނުންވާ މީހުން ބިނާކުރެވިފައެއް ނުވޭ... ޝަރީއާ އެޑްވައިޒަރުންނާ އިސްލާމީ އިގްތިސާދުގެ އިލްމުވެރިން ތައްޔާރުކުރަން މަސައްކަތްކުރަންޖެހޭ،" ޝަހީމް ވިދާޅުވި އެވެ.