31 Jul 2016, 22:36
ޑެންވަރު (ޖުލައި 31) : އެމެރިކާގެ ރިޔާސީ ރޭހުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ހަރުކަށި ލީޑަރު ޑޮނަލްޑް ޓްރަމްޕް، ލިފްޓެއްގައި ތާށިވެފައި ހުންނަވަނިކޮށް އެ ލިފްޓް ހަލާކުކޮށްލައިގެން އޭނާ ސަލާމަތް ކޮށްފިއެވެ.
އެމެރިކާގެ ކޮލޮރާޑޯގެ ފަޔަރ ޑިޕާޓްމެންޓުން ބުނީ ޓްރަމްޕް ތާށިވީ އެސްޓޭޓްގައިވާ ރެސޯޓެއްގެ ލިފްޓަކުން މައްޗަށް އަރުއްވަނިކޮށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ލިފްޓް ހުއްޓިގެންނެވެ. ލިފްޓް ހުއްޓުނީ އެއް ވަނަ ބުރި އާއި ދެވަނަ ބުރިއާ ދެމެދުގައެވެ. އެވަގުތު ޓްރަމްޕް އާ އެކު އޭނާގެ ޓީމުގެ 10 ވަރަކަށް މެންބަރުން ލިފްޓުގައި ތިއްބެވި ކަމަށްވެއެވެ.
ޓްރަމްޕް ސަލާމަތް ކުރުމުގެ މަސައްކަތްކުރި ކަމަށް ވަނީ ކޮލޮރާޑޯގެ ފަޔަރ ޑިޕާޓްމެންޓުގެ މުވައްޒަފުންނެވެ. މިކަމަށްޓަކައި އެމީހުން ވަނީ ލިފްޓުގެ ގޭޓް ހަލާކުކޮށްލުމަށްފަހު ލިފްޓުގެ މަތީގައިވާ ތަނެއް ވެސް ހަލާކުކޮށްލައިގެން އޭގެ ތެރެއަށް ހަރުގަނޑެއް ވައްދާފައެވެ. ޓްރަމްޕާއި އޭނާގެ ޓީމުގެ މެންބަރުން ލިފްޓުން ބޭރަށް ނުކުންނެވީ އެހަރުގަނޑުން ކަމަށް ކޮލޮރާޑޯގެ ފަޔަރ ޑިޕާޓްމެންޓުގެ މަސްއޫލުވެރިއަކު ވިދާޅުވިއެވެ.
މި ހާދިސާގައި ޓްރަމްޕަށް ވެސް އަދި އޭނާގެ ޓީމުގެ މެންބަރަކަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ޓްރަމްޕްގެ ކޭންޕޭން އޮފީހުން ވެސް ވަނީ މިހާދިސާ ހިނގިކަން ކަށަވަރުކޮށް ދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. ލިފްޓުން ޓްރަމްޕް ސަލާމަތް ކުރެވުނު އިރު އޭގެ ތެރޭގައި އޭނާ ތާށިވެފައި ހުންނަވާތާ ބައިގަޑީއިރު ވެފައިވެއެވެ.
އެމެރިކާގެ ރިޔާސީ ރޭސް ކާމިޔާބު ކުރެއްވުމަށްޓަކައި ޓްރަމްޕް މިހާރު ވަނީ އެމެރިކާގެ އެކި ސްޓޭޓްތަކުގައި ކޭންޕޭން ކުރެއްވުމުގެ ބުރަ މަސައްކަތްތަކެއް ފައްޓަވާފައެވެ. ޓްރަމްޕް އާ ވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކީ އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަންއެވެ. (ޑެންވަރު ޕޯސްޓް)