31 Jul 2016, 12:33
އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަށް ބަހުސް ކުރުމަށް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ހުށަހެޅުއްވި އެ ބިލަށް ބަހުސްކުރުމަށް މާދާމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، ނޫސްވެރިންނާއި އެކި ފަރާތްތަކުން އަންނަނީ އެ ބިލާ ގުޅޭ ގޮތުން ކަންބޮޑުވުންފާޅު ކުރަމުންނެވެ.
އެ ބިލްގައި ބުނެފައި ވަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކަށް ބިނާކޮށް، ޚިޔާލުފާޅުކުރުމުންނާއި މީހެއްގެ އަބުރަށް އަރައިގަތުމުން ޖޫރިމަނާ ކުރެވޭނީ ގިނަވެގެން ދެ މިލިއަން ރުފިޔާއާ ހަމައަށް ކަމަށެވެ. އަދި އެ ފައިސާ ނުދެއްކިއްޖެނަމަ ޖަލަށް ލެވޭނީ ގިނަވެގެން ހަ މަހަށް ކަމަށް ވެސް އެ ބިލްގައި ވެއެވެ.
އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ކަމުގައިވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ވަނީ އެ ބިލާ މެދު ކަންބޮޑުވުންފާޅުކޮށްފަ އެވެ.
އެ ޖަމިއްޔާ އިން ބުނީ އެ ބިލަކީ ޚިޔާލު ފާޅު ކުރުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް އެކުލަވާލާފައިވާ ބިލެއް ކަމަށާއި އެ ބިލް ވަގުތުން އަނބުރާ ގެންދިޔުމަށް ނުވަތަ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާއި މިންގަނޑުތަކަށް ފެތޭ ގޮތަށް އިސްލާހު ކުރުމަށް ގޮވާލާ ކަމަށެވެ.
އެގޮތުން ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް ފަދަ ރާއްޖެ ބައިވެރިވާ އެތައް މުއާހަދާއެއްގައި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިބިފީދައިވާ ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ހުރަސްތައް އެކި ގޮތްގޮތަށް މާނަ ކުރެވޭ ގޮތަށް އޮވެގެން ނުވާނެ ކަން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކުގައި ބުނެފައިވާ ކަން އެމްނެސްޓީން ފާހަގަ ކުރި އެވެ.
ނަމަވެސް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު އެކުލަވާލާފައި ވަނީ އޮޅުން އަރާ ގޮތަށް ކަމަށާއި އޭގެ ސަބަބުން ސަރުކާރަށް ފާޑު ކިޔާ ނޫސްވެރިންނާއި މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް އެމްނެސްޓީގެ ބަޔާނުގައިވެ އެވެ.
އަދި ސުލްހަވެރި ފާޑުކިޔުންތައް ހުއްޓުވުމުގެ ގޮތުން އަބުރުގެ ގާނޫނޫ ބޭނުން ކުރުމަކީ ހިޔާލު ފާޅު ކުރުމުގެ ހައްގަށް އަރައިގަތުން ކަމަށާއި އަބުރުގެ ދައުވާ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލުމަކީ އެމްނެސްޓީން ދެކޮޅު ހަދާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އެމްނެސްޓީގެ ބަޔާނުގައި އެޖަމިއްޔާއިން ވަނީ އަބުރުގެ ބިލް ހުށަހަޅާފައި ވަނީ ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށްފައިވާ ދަނޑިވަޅެއްގައި ކަމަށް ބުނެފައެވެ. އެގޮތުން ފުލުހުން ވަނީ ސުލްހަވެރި މުޒާހަރާއެއް ކުރަމުން ދިޔަ 16 ނޫސްވެރިން އޭޕްރިލް މަހު ހައްޔަރުކޮށްފައި ކަމަށާއި އަބުރުގެ ބިލާ ގުޅިގެން މި ހަފްތާ ތެރޭގައި ނޫސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާއަކަށް ހުރަސް އަޅާފައިކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފަ އެވެ.
އަދި ސަރުކާރުގެ އިސް އޮފިޝަލުންނާ ދެކޮޅަށް ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތުތައް ކޮށްފައިވާ ދަނޑިވަޅެއްގައި އެބިލް ހުށަހަޅާފައި ވަނީ މީޑިއާތަކުން އެފަދަ ތުހުމުތުތައް ހާމަކުރުން ހުއްޓުވުމުގެ ގޮތުން ކަމަށް ބުނެ އެމެންސްޓީގެ އިތުރުން އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކާއި މީޑިއާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.