މާދަމާއިން ފެށިގެން، ކުރީގައި ބޭނުން ކުރަމުން އައި ކަރުދާސް ނޫޓު ސީރީޒްގެ ތެރެއިން ފަސް ރުފިޔާ ފިޔަވައި އެހެނިހެން ނޫޓުތައް ބޭނުން ނުކުރެވޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ، މިއަދަށް ފަހު ކުރީގައި ބޭނުންކުރަމުން އައި ކަރުދާސް ނޫޓުތައް ބޭނުން ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ފަސްރުފިޔާގެ ކަރުދާސް ނޫޓު ބޭނުންކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މިއަހަރު ނިމެންދެން ރާއްޖޭގެ ބޭންކްތަކުން ކުރީގެ ކަރުދާސް ނޫޓުތައް ފަހުގެ ނޫޓުތަކަށް ބަދަލުކޮށްދޭނެ އެވެ. އަދި ފަސް އަހަރު ވަންދެން އެމްއެމްއޭ އިން ކުރީގެ ނޫޓުތައް ފަހުގެ ނޫޓުތަކަށް ބަދަލުކޮށްދޭނެ އެވެ.

މިހާތަނަށް އެމްއެމްއޭ އިން ވަނީ ކުރީގެ ނޫޓުތަކުގެ 91.5 ޕަސެންޓްގެ ފައިސާ އެ އޮތޯރިޓީއަށް ނަގާފަ އެވެ. ބާކީ ނުނެގި ހުރީ 8.5 ޕަސެންޓްގެ ކުރީގެ ފައިސާ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެ އެވެ.