31 Jul 2016, 12:40
ސިންގަޕޫރު (ޖުލައި 31): ސިންގަޕޫރުގެ ކުރީގެ ރައީސް އެސް އާރު ނަތާން އަށް ސިކުނޑީގެ ސްޓްރޯކެއްޖެހި ހާލުކޮޅު ވަރަށް ބޮޑުވެގެން ހޮސްޕިޓަލުގެ އައިސީޔޫ ގައި އެޑްމިޓްކޮށްފިއެވެ.
ނަތާން އެނދުމަތިކޮށްފައިވަނީ ސިންގަޕޫރުގެ ޖެނެރަލް ހޮސްޕިޓަލުގެ އައިސީޔޫ ގައެވެ. އުމުރުން 92 އަހަރުގެ ނަތާންއަކީ 1999 ން 2011 އަށް ސިންގަޕޫރުގެ ރައީސްކަން ދެދައުރަށް ކުރެއްވި ބޭފުޅެކެވެ. ތަމަޅަ ދަރިކޮޅުގެ ނަތާންއަކީ ސިންގަޕޫރުގެ ހަވަނަ ރައީސް އެވެ. އަދި ސިންގަޕޫރުގެ ކުރީގެ ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުންނެވި ހަމައެކަނި ބޭފުޅަކީވެސް ނަތާންއެވެ.
ނަތާންއަކީ މިދިޔަ ގަރުނުގެ ކުރީކޮޅު އިންޑިޔާގެ ޓެމިލް ނާޑޫއިން މެލޭޝިޔާއަށް ހިޖްރަކުރި ތަމަޅަ އާއިލާއެއްގެ މެންބަރެކެވެ. ނަތާންގެ އަނބިކަނބަލަކާއި އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅަކާއި ކާފަ ތިން ބޭފުޅުން ތިއްބަވައެވެ.
ސްޓްރޯކްގެ ސަބަބުން ނަތާންގެ ހަށިކޮޅު ޕެރަލައިޒް ވެފައިވާ ކަމަށް އޭނާ ބައްލަވާ ޑޮކްޓަރުންނާ ހަވާލާދީ ޚަބަރުތައް ބުނެއެވެ. މިއީ ނަތާން އަށް ސިކުނޑީގެ ސްޓްރޯކް ޖެހުނު ދެވަނަ ފަހަރެވެ. މިދިޔަ އެޕްރީލް މަހުވެސް ސްޓްރޯކެއް ޖެހިގެން ނަތާން އައިސީޔޫގައި އެޑްމިޓްކޮށްފައި ވެއެވެ. ނަތާންއަކީ ސިންގަޕޫރުގެ ސިވިލްސާވިސް ގެ ޚިދުމަތުގައި އުމުރުގެ ބޮޑުބައި ހޭދަކުރެއްވި ތަޖްރިބާކާރު އެޑްމިނިސްޓްރޭޓަރެކެވެ. (ރޮއިޓާސް)