ރަންބީރު ކަޕޫރު އަދި ކެޓްރީނާ ކަޕޫރު ރުޅިވުމަށް ފަހު އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކަ އަކީ ދެމީހުންގެ މެދުގައި އުފެދިފައި އޮތް ނުތަނަވަސްކަމާއި މައްސަލަތަކުގެ ސަބަބުން، ދެމީހުންގެ ކުރިއަށް އޮތް ފިލްމު "ޖައްގާ ޖާސޫސް" އަށް ނޭދެވޭ އަސަރު ކުރާނެ ވާހަކަ އެވެ.

އެ ފިލްމު ރިލީޒް ކުރުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ދިމާވި ބައެއް މައްސަލަތަކުގެ ސަބަބުން ފިލްމުގެ މަސައްކަތް ނިންމަން ކަނޑައެޅި ތާރީހު ފަހަނަ އަޅައި ގޮސް، ރިލީޒް ކުރަން ނިންމި ތާރީހު ވެސް ދެ ފަހަރެއްގެ މަތިން ވަނީ ފަސްކޮށްފަ އެވެ.

ފިލްމު ލަސްވާން މެދުވެރިވި ސަބަބު ތަކުގެ ތެރޭގައި ރަންބީރާއި ކެޓްރީނާއާ ދެމެދު އޮތް ލޯބީގެ ގުޅުން ނިމުމަމަކަށް އައުން ވެސް ހިމެނެ އެވެ. "ޖައްގާ ޖާސޫސް" އަކީ ދެމީހުން ރުޅިވުމަށް ފަހު އެކުގައި ފެންިގެންދާ ފުރަތަމަ ފިލްމެވެ.

ދެ ތަރިންގެ ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަބުން ފިލްމަށް އަސަރު ކުރާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ފިލްމުގެ ޑައިރެކްޓަރު އަނޫރާގް ބާސޫ މިވަނީ ރައްދު ދީފަ އެވެ.

އަނޫރާގް ބާސޫ ބުނީ ކެޓްރީނާ އަދި ރަންބީރާ ދެމެދު މައްސަލަ ޖެހިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަނޫރާގް ވަނީ ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ އިރު ދެ ތަރިންގެ ފަރާތުން ފެނިގެން ދިޔަ ޕްރޮފެޝަނަލް ކަމަށް ތައުރީފު ކޮށްފަ އެވެ.


ނަމަވެސް ދެމީހުންގެ ލޯބީގެ ގުޅުމާ ބެހޭގޮތުން އެއްޗެއް ބުނަން އަނޫރާގް ވަނީ ދެކޮޅު ހަދައިފަ އެވެ.