މި ސީޒަނުގައި މެންޗަސްޓާ ޔުނައިޓެޑާ ގުޅުނު ސްވިޑެން ފޯވާޑް ޒަލަޓަން އިބްރަހިމޮޗް އެ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ގޯލެއް ކާމިޔާބުކޮށް އޭނާގެ ހުނަރު ދައްކާލައިފިއެވެ.

އެކުވެރިކަމުގެ އެ މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 5-2ގެ ނަތީޖާ އަކުން ތުރުކީގެ ގަލަޓަސަރާއީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އެ މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލު އެންޓޯނިއޯ ވެލެންސިއާ ނަގައިދިން ހުރަހެއް އިބްރަހިމޮވިޗް ވަނީ ވެއްޓިގަނެފައި ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ޔުނައިޓެޑްގެ ގޯލަށް ފަހު ފުރަތަމަ ހާފް ނިމުމުގެ ކުރިން ގަލަޓަސަރާއީގެ ސިނަން ގުމްސް އަދި ބްރްމާގެ ގޯލުން އެ ޓީމް ވަނީ ލީޑް ނަގާފައެވެ.

ޔުނައިޓެޑް އާއި ގަލަޓަސަރާއީ ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން ---

ދެވަނަ ހާފްގައި ޔުނައިޓެޑް ވަނީ ފަހަތުން އަރައި ހަތަރު ގޯލު ކާމިޔާބު ކޮށްފައެވެ. އެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ވޭން ރޫނީ ކާމިޔާބު ކުރިއިރު އަނެއް ދެ ގޯލު ކާމިޔާބު ކުރީ މަރައުނޭ ފެލައިނީ އާއި ހުއާން މާޓާ އެވެ.

ކުރިއަށް އޮތް ސީޒަނަށް މެންޗަސްޓާ ޔުނައިޓެޑް ތައްޔާރު ވަމުން އަންނައިރު އެ ޓީމް ކުޅޭ އެކުވެރި ކަމުގެ ފަހު މެޗުގައި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވަޓަންއާ ދެކޮޅަށް ނިކުތުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ ތިން ދުވަސް ފަހުން ކޮމިއުނިޓީ ޝީލްޑް މެޗުގައި ޔުނައިޓެޑުން މިދިޔަ ސީޒަނުގު ޗެމްޕިއަން ލެސްޓާ ސިޓީއާ ދެކޮޅަށް ނިކުންނާނެއެވެ.