ދެހާސް ބާރަ ވަނަ އަހަރު ރިލީޒް ކުރި ކަރަން ޖޯހަރުގެ ކާމިޔާބު ފިލްމު،ސްޓުޑެންޓް އޮފް ދަ އިޔަރގެ ދެވަނަ ބައިގެ ވާހަކަ އަކީ ފަހަކަށް އައިސް ސޯޝަލް މީޑިއާ ގައި ބާރަށް ދެކެވޭ ވާހަކައެކެވެ. ހާއްސަކޮށް ފިލްމުގެ ކާސްޓާ ގުޅުވައިގެން ދެކެވޭ ވާހަކަތަކެވެ.

ފިލްމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރަން ޖޯހަރު ހާމަކުރުމާ އެކު، ހަބަރުތައް ބުނަން ފެށީ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ބޮލީވުޑުގެ ކާމިޔާބު އެކްޓަރު އަދި ނެށުންތެރިޔާ ޝާހިދު ކަޕޫރުގެ ކޮއްކޮ، އިޝާން ޚައްތާރު އާއި ކާމިޔާބު އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން ކަމަށެވެ.

ނަމަވެސް މިހާތަނަށް ވެސް، ކަރަންގެ ފަރާތުން އެކަން ޔަގީންކޮށްދީފަ އެއް ނުވެ އެވެ. އަދި އިޝާންގެ ބޭބެ ޝާހިދު ވެސް ވަނީ އެ ހަބަރުތަކާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށް ބުނެފަ އެވެ.

ނަމަވެސް މިހާރު މި ވަނީ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ފިރިހެން ފަންނާނު ވަރަށް ބޮޑަށް ޔަގީންވެފަ އެވެ. ހަބަރުތައް ބުނާގޮތުން ފިލްމުގެ ދެވަނަ ބައިން ފެނިގެންދާނީ "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފުވެ، އޭނާގެ ނެށުމުގެ ހުނަރުން އެތައް ބަޔަކު ޝޯޚު ކޮށްލި ޓައިގާ ޝްރޯފް އެވެ.

އުމުރުން 26 އަހަރުގެ ޓައިގާ ވަނީ ކާމިޔާބު ދެ ފިލްމެއް ކުޅެފަ އެވެ. މި އަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގައި ހިމެނޭ "ބާޣީ" ގައި ވެސް ޓައިގާ ގެ މޮޅު އެކްޓިންގ އެއް ފެނިގެން ގޮސްފައި ވާއިރު، ރޭމޯ ޑިސޫޒާގެ ކުރިއަށް އޮތް ފިލްމު، "އަ ފްލައިންގ ޖެޓް" ގައި ޓައިގާ ފެނިގެންދާނީ ސުޕަ ހީރޯ އެއްގެ ގޮތުގަ އެވެ.

އެކްޝަން ހީރޯ އެއްގެ ގޮތުގައި މަގުބޫލު ޓައިގާ "ސްޓުޑެންޓް އޮފް ދަ އިޔަރ 2" އިން ފެންނާނެ ކަމަށް ހަބަރުތައް ބުނާ އިރު، ޓައިގާ ވަނީ އެ ރޯލަށް ހުށަހެޅުމެއް ލިބިފައިވާކަން ޔަގީންކޮށްދީފަ އެވެ.

ޓައިގާ އާ ހަވާލާދީ އިންޑިއާގެ ހަބަރުތައް ބުނާ ގޮތުން، ކަރަން އާއެކު ފިލްމުގެ މަޝްވަރާތައް މިހާރު ދަނީ ކުރިއަށެވެ. އެހެންކަމުން އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށް ޓައިގާ ބުންޏެވެ.

ފިލްމަށް އެއްބަސްވެފައި ނުވި ނަމަވެސް، ކަރަންގެ ފިލްމަކަށް ހުށަހެޅުމެއް ލިބުމުން ވަރަށް އުފާވާ ކަމަށާއި، ފިލްމަށް އާނ ބަސް ބުނުން ކައިރި ކަމަށް ޓައިގާ ވަނީ ބުނެފަ އެވެ.

ސްޓުޑެންޓް އޮފް ދަ އިޔަރއާ ހިލާފަށް އެ ފިލްމުގެ ދެވަނަ ބައިން ފެނިގެން ދާނީ އެންމެ ލީޑު އެކްޓަރެއް ކަމަށް ހަބަރުތައް ބުނެ އެވެ.