މާލެއިން ފުރައިގެން ދ.އަތޮޅަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ރޭ އަޑިއަށް ދިއުމާ ގުޅިގެން އެ ދޯނީގައި ހުރި މުދާތައް އޮޔާ ދާތީ ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފި އެވެ.

ރޭ ދަންވަރު 1.30 ހާއިރު އަޑިއަށްދިޔަ "ރާސްތާ 2" ނަމަކަށް ކިޔާ 52 ފޫޓުގެ މުދާ އުފުލާ ދޯނި އަޑިއަށްގޮސްފައިވަނީ ކ.ބޮލިފުށި ރިސޯޓް ގެ ހުޅަނގު ދެކުނުން 04 ނޯޓިކަލް މޭލު ބޭރަށެވެ.

އެ ހާދިސާ ހިނގިއިރު ދޯނީގައި އެއް ދިވެއްސަކާއި ދެ ބިދޭސީން ތިބި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. މިހާތަނަށް ލިބުނު މައުލޫމާތުން އޭގެން މީހަކަށް އަނިޔާއެއްނުވެއެވެ.

އެ ދޯނީގައި ލަކުޑި ފަދަ ތަކެތި ހުރި ކަމަށާއި، އެހެން ކަމުން އެސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރެ އެވެ.