25 May 2011, 15:19
ޖޮހަނަސްބާގް : ލީބިޔާގެ ޒައީމް މުއައްމަރުލްގައްޒާފީ، ވެރިކަމުން ފާބައިވަޑައިގަތުމުގެ ސްޓްރެޓެޖީ އަކާބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްޓަކައި ދެކުނު އެފްރިކާގެ ރައީސް ޖާކޯބް ޒޫމާ އަންނަ ހަފްތާގައި ލީބިޔާއަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައިވާ ކަމަށް ހަބަރުލިބިއްޖެ އެވެ.
ދެކުނު އެފްރިކާގެ ރަސްމީ ދާއިރާތަކާ ޙަވާލާދީ ރޮއިޓާސް ބުނިގޮތުގައި ގައްޒާފީއާއި އޭނާގެ އާއިލާއަށް ބޭރު ގައުމަކުން ހިމާޔަތް ލިބޭގޮތަކަށް ވެރިކަން ދޫކޮށްލައްވަން ގައްޒާފީ އެއްބަސްވެ ވަޑައިގެންފާނެކަމުގެ އުންމީދު މިހާރުވަނީ އިތުރުވެފަ އެވެ.
ގައްޒާފީއާއި އޭނާގެ އާއިލާގެ މައްޗަށް ދައުވާ ނުކުރުމަށް ލީބިޔާގެ އިދިކޮޅު އިންތިގާލީ މަޖިލީހުން އެއްބަސްވެފައި ބައިނަލްއަގުވާމީ ކޯޓަށް ހާޒިރުނުކުރެވޭ ގޮތަށް ގައްޒާފީއާއި އާއިލާއަށް ހިމާޔަތް ދިނުމުގެ ޖާމިނުވުމެއް ބޭރުގައުމަކުން ދީފިނަމަ ވެރިކަންދޫކުރައްވައި ގައުމުން ބޭރަށް ވަޑައިގަތުމަށް ގައްޒާފީ އެއްބަސްވެ ވަޑައިގަތުމަކީ ގާތް ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.
ރޯމް މުއާހަދާގައި ސޮއިނުކުރާ ގައުމަކުން ގައްޒާފީ ބަލައިގެންފިނަމަ ބައިނަލްއަގުވާމީ ކޯޓަށް ހާޒިރުނުވެ ގައްޒާފީއަށް ސަލާމަތްވެވަޑައިގެންނެވިދާނެ ކަމަށް ގާނޫނީ ތަޖްރިބާކާރުން ދެކެ އެވެ. ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު ޖަރީމާ ހިންގި ކަމުގެ ކުށުގައި ގައްޒާފީ ހައްޔަރު ކުރުމުގެ އަމުރު ބައިނަލްއަގުވާމީ ކޯޓުން ނެރެފައި ނުވިނަމަވެސް މިފަދަ އަމުރެއް ނެރެދިނުމަށް އެކޯޓުގެ ޕްރޮސެކިއުޓަރ ޖެނެރަލް ފަނޑިޔާރުންގެ ކިބައިން އެދިފައިވެ އެވެ.
ގައްޒާފީގެ ގޮތްދޫނުކުރެއްވުންތަކުގެ ސަބަބުން އަހްލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާ ލީބިޔާގެ ރައްޔިތުން އެކަމުން ސަލާމަތްކުރުމަށްޓަކައި ތުރުކީއާއި ދެކުނު އެފްރިކާ ގެންދަނީ ލީބިޔާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ. ދެކުނު އެފްރިކާގެ ރައީސް ޖާކޯބް ޒޫމާ އަންނަ ހަފްތާގައި ލީބިޔާއަށް ވަޑައިގަންނަވަނީ ވެސް ސުލްޙަވެރިކަމާއެކު ގައްޒާފީ ވެރިކަން ނިމުމަކަށް ގެނައުމަށް ތުރުކީން އެކުލަވާލާފައިވާ އެއްބަސްވުމަކާބެހޭ ގޮތުން ގައްޒާފީއާ މަޝްވަރާ ކުރެއްވުމަށް ކަމަށް ހަބަރުތައް ބުނެ އެވެ.
ގައްޒާފީއާ ދެކޮޅަށް ނޭޓޯ ދެމުން ގެންދާ ހަމަލާތައް ފުޅާވަމުންދާތީ ވެރިކަމުން ފާބައިވަޑައިގަތުމުގެ ހުށަހެޅުމެއް ގައްޒާފީ ގަބޫލުކުރެއްވުމުގެ ފުރްސަތު މިހާރު ބޮޑުކަމަށް މުހައްލިލުން ދެކެ އެވެ.
އަނެއްކޮޅުން ގައްޒާފީގެ އަރިސް ބޭފުޅެއް ކަމަށްވާ ލީބިޔާގެ ކުރީގެ ބޮޑުވަޒީރު އަދި އެގައުމުގެ ތެލުގެ އިންޑަސްޓްރީގެ ވެރިޔާ ޝުކްރީ ގާނިމް، ޔޫރަޕްގެ ބައެއް ގައުމުތަކަށާއި ތުރުކީއަށާއި ދެކުނު އެފްރިކާއަށް ސިއްރިޔާތުގައި ދަތުރުފުޅުތަކެއް ކުރައްވަމުން ގެންދަވާ ކަމުގެ ހަބަރުތަކެއް ތަކެއް ބައިނަލްއަގުވާމީ މީޑިޔާގައި މިހާރުދަނީ ފެތުރެމުންނެވެ.
ގާނިމްގެ ދަތުރުފުޅަކީވެސް ގައްޒާފީއާއި އޭނާގެ އާއިލާއަށް ހިމާޔަތް ލިބޭނެގޮތެއްގެ މަތިން ވެރިކަން ދޫކޮށްލެއްވުމުގެ ފުރްސަތުތަކެއް އޮތްތޯ ބެއްލެވުމުގެ ދަތުރުފުޅުތަކެއް ކަމަށް ހަބަރުލިބެ އެވެ. (ނޫސްއެޖެންސީތައް)