31 Jul 2016, 13:17
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ފިއުލް ޓާމިނަލް ކައިރި، ތޮށިމަތިން އަތުބޮމެއް ފެނިއްޖެ އެވެ.
އައިއެންއައިއޭ ހިންގާ ހުޅުލެއިން އެ ބޮން ފެނިފައި ވަނީ ފިއުލް ޓާމިނަލް ދެކުނު ފަރާތު ތޮށިމަތިންނެވެ. ރާޅު ޖަހާ ހިސާބު ތޮށި މަތިން އެ އަތުބޮން ފެނިފައި ވަނީ އެއާޕޯޓުގައި މަސައްކަތް ކުރާ މީހަކަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެއާޕޯޓުން އެ ބޮން ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހު އެވެ. އަދި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)ގެ ބެލުމުގެ ދަށަށް އެ ބޮން މިހާރު ވަނީ ގެންގޮސްފަ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު "ސަން"އަށް މިއަދު ވިދާޅުވީ، އަތުބޮމެއް ކަމަށް ބެލެވިގެން ހުޅުލެއިން ފެނުނު އެއްޗަކީ ތަމްރީނުތަކުގައި ބޭނުންކުރާ ކަހަލަ އަތުބޮމެއް ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް އަދުނާން ވިދާޅުވި އެވެ.
"ބޮޑަށް ބެލެވެނީ ތަމްރީނުތަކުގައި ބޭނުންކުރާ އެއްޗެއް ކަމަށް. އިންވެސްޓިގޭޝަން ކުރިއަށްދާތީ މިވަގުތު އިތުރު މައުލޫމާތެއް އަދި ހާމަ ކުރެވެން ނެތް،" މޭޖާ އަދުނާން މުހައްމަދު ވިދާޅުވި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ހުޅުލޭގައި މަސައްކަތް ކުރާ ބަޔަކަށް އެ އެއްޗަކީ ކޯއްޗެއް ކަމެއް ނޭނގި ތިބެ، އޭގެ މައްޗަށް ފައިން ވެސް އެރިފައިވެ އެވެ. މޫދު ވިނައާއެކު ކުޑަ ކޮތަޅެއްގެ ތެރޭގައި އޮތް އަތުބޮމަކީ ބޭނުންކޮށްފައިވާ ބޮމެއް ނޫނެވެ. އެ ބޮމުގެ ސޭފްޓީ ކްލިޕް ވެސް އޮތީ ނުނައްޓަ އެވެ.