ރަޝިއާ ސަރުކާރުގެ އެކިއެކި އިދާރާތަކުގެ ނެޓްވޯކްތަކުގައި، މައުލޫމާތުތަކަށް ޖާސޫސުކުރާ ވައިރަހެއް އުޅޭކަމަށް އެގައުމުގެ އިންޓެލިޖެންސް ސާވިސް، ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ)އިން ބުނެފި އެވެ.

އެފްއެސްބީއިން ބުނީ އެގައުމުގެ ސަރުކާރުގެ 20 ވަރަކަށް ޖަމްއިއްޔާގެ ނެޓްވޯކުތަކުގައި އެ ވައިރަސް އުޅޭކަން ފާހަގަ ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެގައުމުގެ ދައުލަތުގެ ސައިންޓިފިކް އަދި އަސްކަރީ އޮފީސްތަކުގެ ނެޓްވޯކުތައް ހިމެނެ އެވެ.

އެފްއެސްބީއިން ބުނީ އެސައިބާ ހަމަލާއަކީ ވަރަށް ޕްރޮފެޝަނަލްކަމާ އެކު ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ.

މިކަމުގައި ބައިވެރިވި މެލްވެއާއިން ވަނީ، ކޮމްޕިއުޓަރުތަކުގެ ކެމެރާތަކާއި މައިކްރޮފޯނުތައް އޮން ކޮށް، ސްކްރީންޝޮޓު ނެގުމާއި އަދި ކީބޯޑުން ލިޔެވޭ އެއްޗެހިތައް މޮނީޓަރުކޮށް، ރިކޯޑު ކޮށް ހަދައިފަ އެވެ.

ރަޝިއާގެ އިންޓެލިޖެންސް ސާވިސްއިން ބުނަނީ މި ސައިބާ ހަމަލާގެ ފަހަތުގައި ތިބީ ކޮން ބައެއްކަން ބުނަން ނޭނގޭ ކަމަށެވެ.

ރަޝިއާގެ ދައުލަތުގެ މުހިންމު އިދާރާތަކެއްގެ ނެޓްވޯކްގެ ތެރެއަށް މެލްވެއާތަކެއް ވައްދާފައިވާކަން އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވާ އިރު، އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީއާއި ހެކަރުންގެ ހަމަލާތަކެއް ދާދި ފަހުން ލިބިފައިވާ އިރު އެމެރިކާއިން ބުނަނީ މިއީ ރަޝިއާއިން ކުރާ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް ރަޝިއާއިން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.