30 Jul 2016, 21:37
ސެވިއްޔާގެ ފްރެންޗް ފޯވާޑް ކެވިން ގަމެއިރޯ ހަތަރު އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯ މެޑްރިޑާ ގުޅިއްޖެއެވެ.
މެޑިކަލްގެ ކަންތައްތައް ފުރިހަމަކުރުމަށް ފަހު މިއަދުގެ ވަގުތެއްގައި މެޑްރިޑަށް ދިއުމަށް ހަމަޖެހިފައިވާ އުމުރުން 29 އަހަރުގެ ފޯވާޑް އެތުލެޓިކޯއަށް ސޮއިކުރީ، 32 މިލިއަން ޔޫރޯގެ ފީއަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފްރާންސްގެ ޕީއެސްޖީން 2013 ވަނަ އަހަރު ސެވިއްޔާއާ ގުޅުނު ގަމެއިރޯ ވަނީ އެ ކްލަބަށް ތިން ފަހަރު ޔޫރޯޕާ ލީގު ހޯދުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ގަމެއިރޯ ވަނީ، ތިން ސީޒަންގެ ތެރޭގައި ސެވިއްޔާއަށް ޖުމުލަ 67 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ސްޕެނިޝް ލީގުގެ ހަތްވަނައިގައި އޮވެ ސެވިއްޔާއިން މިދިޔަ ސީޒަން ނިންމާލި އިރު ގަމެއިރޯ ވަނީ އެ ކްލަބަށް 29 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނާ ހޯދުމަށް ކުރީގެ ކްލަބު ޕީއެސްޖީންވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެތުލެޓިކޯއާ ވާދަވެރި ބާސެލޯނާއިން ވެސް ގަމެއިރޯގެ ސޮއި ހޯދުމަށް މަސައްކަތް ކޮށްފައި ވެއެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ކްލަބު ވަރުގަދަކުރުމުގެ ގޮތުން އެތުލެޓިކޯއިން ވަނީ، ޗެލްސީގެ ފޯވާޑް ޑިއެގޯ ކޮސްޓާ ހޯދުމަށްވެސް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެހެން ނަމަވެސް ޗެލްސީން ވަނީ، 2014 ވަނަ އަހަރު 32 މިލިއަން ޕައުންޑުގެ ފީއަކަށް އެ ކްލަބާ ގުޅުނު އެތުލެޓިކޯގެ ކުރީގެ ފޯވާޑްއަލުން އެ ކްލަބަށް ދިނުމަށް އިންކާރުކޮށްފައެވެ.
އެތުލެޓިކޯއިން ވަނީ ގަމެއިރޯގެ އިތުރުންވެސް މި ފަހަރުގެ ޓްރާންސްފަރގައި ހަތަރު ކުޅުންތެރިއަކު އެ ކްލަބަށް ގެނެސްފައެވެ. އަދި އޭގެ އިތުރުން ސައުލް ނިގުއޭޒާއި ތިއާގޯ އަދި ފެނާންޑޯ ޓޮރޭޒްގެ ކޮންޓްރެކްޓްވެސް އެ ކްލަބުން ވަނީ އާކޮށްފައެވެ.