30 Jul 2016, 21:53
މީގެ 1.7 މިލިޔަން އަހަރަށް ވުރެ ކުރިން ދުނިޔޭގައި އުޅުނު ކަމަށް ބެލެވޭ އިންސާނެއްގެ ފައިގެ ކަށިގަނޑުން ކެންސަރުގެ އަސަރު ފެނިއްޖެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، ކެެންސަރުގެ އަސަރު ފާހަގަވެފައި ވަނީ، ދެކުނު އެފްރިކާގެ ވެރިރަށް ޖޮހަނެސްބާގާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ "ކްރޭޑްލް އޮފް ހިއުމަންކައިންޑް" ނަމަކަށް ކިޔާ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ހޮހޮޅައެއް ތެރެއިން ފެނުނު، އިންސާނެއްގެ ފައިގެ ކަށިގަނޑަކުންނެވެ.
ތަހުލީލުތަކުން ދައްކާ ގޮތުގައި މިއީ މީގެ 1.7 މިލިޔަނަށް ވުރެ ގިނަ އަހަރު ކުރީގެ ކަށިގަނޑެކެވެ.
ސައުތު އެފްކަން ޖާނަލް އޮފް ސައިންސްގައި ޝާއިޢުކުރި ޑޭޓާތައް ދައްކާ ގޮތުގައި، މި ކަށިގަނޑުން ފެނިފައިވަނީ އޮސްޓިއޯސާކޯމާ ނަމަކަށް ކިޔާ، ކަށިގަނޑަށް ޖެހޭ ނުރައްކާތެރި ކެންސަރެއްގެ އަސަރެވެ.
އިނގިރޭސި ވިލާތުގެ ބޯން ކެންސަރު ރީސާޗް ޓްރަސްޓުން ބުނާ ގޮތުގައި، މި ހޯދުމަކީ ބޯޯން ކެންސަރާ ބެހޭ ދިރާސާތައް ހެދުމުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.
މީގެ ކުރިންވެސް، ގަދީމީ އިންސާނުންގެ ކަށިތަކުން ކެންސަރުގެ އަސަރު ފެނިފައި ވެ އެވެ. އެގޮތުން ކްރޮއޭޝިއާއިން ހޯދި، މީގެ 120،000 ވަރަކަށް އަހަރު ކުރިން ދުނިޔޭގައި އުޅުނު ގަދީމީ އިންސާނެއްގެ ކަށިގަނޑުން ޓިއުމަރުތަކެއް ފެނިފަ އެވެ. އަދި ދެކުނު އެފްރިކާއިން މީގެ ކުރިން ފެނުނު، ދެ މިލިޔަން އަހަރު ވެފައިވާ މީހެއްގެ ކަށިގަނޑުން ވެސް ޓިއުމަރެއް ކަމަށް ބެލެވޭ އެއްޗެއް ފާހަގަ ކުރެވިފައި ވެ އެވެ.