ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލުމަށްޓަކައި ނޮވެންބަރު 3، 1988ގައި މަދު ދިވެހިންނާ ގުޅިގެން ސިރީލަންކާގެ ޓެރަރިސްޓް ޖަމާއަތަކުން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވެގެން ދިޔަ މީހުންގެ އާއިލާތަކަށް ބަދަލު ހޯދައިދިނުމަށް ގޮވާލައި ޒެޑް-ޑީއާރްޕީން މިއަދު މުޒާހަރާކޮށްފި އެވެ.

ނޮވެންބަރު 3ގެ ހަމަލާގައި ޝަހީދު ވެގެންދިޔަ 19 ދިވެހިންގެ، ހަނދާނުގައި 19 ހުސް ސަންދޯކެއް ހިފައިގެން މިއަދު މެންދުރު ފަހު 2:30 އެހާކަންހާއިރު، މުޒާހަރާ ފެށީ ޕްރޮސެކިއުޓާ ޖެނަރަލް )ޕީޖީ( އޮފީސް ކުރިމަތިންނެވެ. ޒެޑް ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވާ އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން ކުރި މުޒާހަރާގައި ޕީޖީ އޮފީސް ކުރިމަތީގައި ހުސް ސަންދޯއްތައް އަތުރައިލައިގެން، މުޒާހަރާކުރި މީހުން ވަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.

ނޮވެންބަރު 3، ހަމަލާއަކީ ދިވެހި ގައުމަށް ހިޔާނާތްތެރިވި ޚާއިނުންގެ ނުބައި ރޭވުމަކުން ހިނގި ކަމެއް ކަމަށާއި އެ ޚާއިނުން މިއަދު ތިބީ ރައީސް ނަޝީދުގެ ސަރުކާރުގައި ކަމަށް އެ މީހުން ބުންޏެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އެ މީހުން ސަރުކާރުން ދުރުކުރުމަށް އަޑު އުފުލާފައިވެ އެވެ. އަދި އެފަދަ ބަޔަކު ސަރުކާރުން ދުރުނޮކޮށްފި ނަމަ މާޒީގައި ހިނގައިދިޔަ ކަންތައްތަކެއް މިއަދު ވެސް އިޔާދަވެދާނެ ކަމަށާއި ޚާއިނުންގެ ރޭވުމުން ޝަހީދުވި އާއިލާތަކަށް ބަދަލު ހޯދައިނުމަށް މުޒާހަރާގެ ބައިވެރިން ސަރުކާރަށް ގޮވާލާފައިވެ އެވެ.

ޒެޑް ފެކްޝަނުން މިއަދު ކުރި މުޒާހަރާ ނިންމާލީ އާޓްފިޝަލް ބީޗަށެވެ. އަދި އިތުރު ދުވަހެއްގައި މުޒާހަރާ ކުރާނެ ކަމަށް ވެސް އެ މީހުން ބުންޏެވެ. ސަންދޯއް ހިފައިގެން ތިބެ، ޒެޑް ފެކްޝަނުން މިއަދު މުޒާހަރާ ކުރި އިރު، އެމްޑީޕީން ވެސް ވަނީ މިދިޔަ ހޯމަ ދުވަހު ހުސް ދެ ސަންދޯކެއް ހިފައިގެން މުޒާހަރާކޮށްފަ އެވެ. އަދި ކުރީގެ ސަރުކާރުގައި ޖަލުތަކުގައި ގައިދީންނަށް ޖީނާއީ ބޮޑެތި އަނިޔާތަކެއްކޮށްފައިވާ ކަމަށް ބުނެ، ރައީސް މައުމޫނާއި އެމަނިކުފާނުގެ ސަރުކާރުގެ ބައެއް މީހުން ހައްޔަރު ކުރުމަށް އެ މުޒާހަރާގައި އަޑު އުފުލާފައިވެ އެވެ.


-------

15:12 ނޮވެމްބަރު 3 ގެ ޝަހީދުންނަށް ބަދަލު ހޯދާ ދިނުމަށް ގޮވާލާ ޒެޑް-ޑީއާރުޕީން މާލޭގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

ޒެޑް ޑީއާރްޕީން ބުނަނީ، އެ މުޒާހަރާ ކުރަނީ "ސަރުކާރުގައި ތިބި ބާޣީންގެ އަތުން ނޮވެމްބަރު 3 ގެ ޝަހީދުންނަށް ބަދަލު ހޯދާ ދިނުމަށް ގޮވާލާ" ކަމަށެވެ.

އާޓިފިޝަލް ބީޗު ކައިރިން ފެށި އެ މުޒާހަރާގައި 19 ހުސް ސަންދޯއް ހިފައިގެން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް ކުރިމައްޗަށް މީހުން އެއްވެފަ އެވެ. އަދި އެތަނުގައި ސަންދޯއް އަތުރައިގެން ތިބެ، އަޑުގަދަކޮށްފައިވެ އެވެ.

ނަމަވެސް، އެ އޮފީސް ކުރިމަތިން ދުރަށް ދިއުމަށް ފުލުހުން އެންގުމުން ސަންދޯއްތައް ހިފައިގެން މިހާރު މުޒާހަރާކުރާ މީހުން ވަނީ އާޓިފިޝަލް ބީޗު ސަރަހައްދަށް ގޮސްފައި އެވެ.

ސަރުކާރު ހިންގާ އެމްޑީޕީ ޕާޓީގެ އެކްޓިވިސްޓުންތަކެއް ވެސް ވަނީ މީދެ ދެދުވަސް ކުރިން ކޯޓުތައް ކައިރިއަށް އެއްވެ ޖަލުތަކުގައި ކޮށްފައިވާ ކަމަށް ބުނާ އަނިޔާތަކަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި އަޑުގަދަކޮށްފައި އެވެ. އެމީހުން ވެސް ހުސް ދެ ސަންދޯއް ނެރެފައިވެ އެވެ.