މިނިވަން އުފާ ޔޫތު ކަޕްގެ އެންމެ ގިނަ ތަށި، އަންހެން ޑިވިޝަނުގައި ވާދަކުރި ޓީމް ސެލްފީ ހޯދައިފި އެވެ.

ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ބޭއްވި ޔޫތު ކަޕް މިއަދު ނިންމާލި އިރު، ވޮލީބޯޅަ މުބާރާތާއި ބާސްކެޓްބޯޅަ މުބާރާތް އަދި ހޭންޑްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޓީމް ސެލްފީ އެވެ.

މި މަހުގެ 26 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ވޮލީބޯޅަ މުބާރާތެވެ. އެ މުބާރާތުގައި 13 ފިރިހެން ޓީމާއި ފަސް އަންހެން ޓީމު ބައިވެރިވި އެވެ. އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 18 މެޗު ކުޅެފައިވާ އިރު، އަންހެން ޑިވިޝަނުގައި ހަތް މެޗު ކުޅެފައިވެ އެވެ.

ވޮލީބޯޅަ މުބާރާތުގެ ފިރިހެން ފައިނަލް މެޗުގައި ސްޓޭޑިއަމް ޓީމާ ވާދަކޮށް 2-1 ސެޓުން މޮޅުވެ، ޗެމްޕިއަންކަން ހޯދާފައިވަނީ ޝެރެޓަން އެވެ. އަންހެން ޑިވިޝަނުގެ ފައިނަލުގައި ބީޖީ ސްޕޯޓްސްއާ ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެ، ޗެމްޕިއަންކަން ހޯދީ ޓީމް ސެލްފީ އެވެ.

މި މަހުގެ 27 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ނެޓްބޯޅަ މުބާރާތެވެ. އެ މުބާރާތް އަންހެން ފަސް ޓީމަކާއެކު ކުރިއަށްދިޔަ އިރު، ޖުމްލަ 11 މެޗު ކުޅެފައިވެ އެވެ. އެ މުބާރާތުގެ ފައިނަލުގައި ބޮޑު ތަފާތަކުން ކިޓަންސް އަތުން މޮޅުވެ، ޗެމްޕިއަންކަން ހޯދާފައިވަނީ ގޮއްޔެ އެވެ.

މި މަހުގެ 29 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ބާސްކެޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގައި ފަސް ފިރިހެން ޓީމާއި ތިން އަންހެން ޓީމު ބައިވެރިވި އެވެ. އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 11 މެޗު ކުޅެފައިވާ އިރު، އަންހެން ޑިވިޝަނުގައި ހަތަރު މެޗު ކުޅެފައިވެ އެވެ.

ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ފައިނަލް މެޗުގައި އާސެނަލް ބީސީއާ ވާދަކޮށް 21-17 ޕޮއިންޓުން މޮޅުވެ، ޗެމްޕިއަންކަން ހޯދާފައިވަނީ ބޮމްބްސް ސްކުއާޑް އެވެ. އަންހެން ޑިވިޝަނުގެ ފައިނަލުގައި ފޭންސް ކްލަބާ ވާދަކޮށް 18-11 ޕޮއިންޓުން މޮޅުވެ، ޗެމްޕިއަންކަން ހޯދީ ޓީމް ސެލްފީ އެވެ.

އެ މުބާރާތުގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ހޭންޑްބޯޅަ މުބާރާތެވެ. އެ މުބާރާތުގައި ނުވަ ފިރިހެން ޓީމާއި ހަ އަންހެން ޓީމު ބައިވެރިވި އެވެ. އެ މުބާރާތުގައި ޖުމްލަ 19 މެޗު ކުޅެފައިވެ އެވެ.

މުބާރާތުގެ ފިރިހެން ފައިނަލް މެޗުގައި ބޮޑުތަކުރުފާނާ ވާދަކޮށް 17-14 ލަނޑުން މޮޅުވެ، ޗެމްޕިއަންކަން ހޯދީ ޓީމް ނާސަރީ އެވެ. އަންހެން ޑިވިޝަނުގެ ފައިނަލުގައި ގޯޕްރޯއާ ވާދަކޮށް 9-6 ލަނޑުން މޮޅުވެ، ޗެމްޕިއަންކަން ހޯދީ ޓީމް ސެލްފީ އެވެ.