30 Jul 2016, 18:27
މޯލްޑިވްސް ޔުނައިޑެޓް އޮޕޮޒިޝަން (އެމްޔޫއޯ)ގައި ހިމެނިވަޑައިގަންނަވާ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ އާއި ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝިދާތާ ޝަރީފް އަދި ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓައިފި އެވެ.
ފުލުހުންގެ އެންގުމަށް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ އެ ތިން ބޭފުޅުންގެ ފޯނު ފުލުހުން މިއަދު ހިފެހެއްޓީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށްފަހު ތަސްމީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު
އޭނާ ވިދާޅުވީ އެ ތިން ބޭފުޅުންނަށް ފުލުހުން ތުހުމަތުކުރާ ކުށަކީ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތް ހިންގުމަށާއި ގާނޫނު ހިންގުމަށް ހުރަސްއެޅުން ކަމަށެވެ.
ފުލުހުން ތަހުގީގުކުރަމުން އަންނަ އެ މައްސަލައިގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުންދީފައިވާނެ ކަމަށާއި ތިން ބޭފުޅުން ވެސް މިއަދު ތަހުގީގަށް ބަޔާނެއް ދެއްވާދައިވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
ދައުލަތް ހިންގުމަށާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ގޮތުން އެބޭފުޅުން ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ކަމަކީ ކޮބައިކަމެއް އަދި ސާފެއް ނުވެއެވެ.