މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުތައް، މޫސުން ތަން ނުދިނުމުގެ ސަބަބުން މާދަމާއަށް ފަސްކޮށްފި އެވެ.

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) "ސަން" އަށް މިއަދު ވިދާޅުވީ، ހެވިކަމުގެ ކުޅިވަރުތައް މާދަމާ ރެއަށް ފަސްކޮށްފައިވާ ކަމަށާއި، އެއީ މޫސުން ތަން ނުދިނުމުގެ ސަބަބުން ނިންމެވި ނިންމެވުމެއް ކަމަށެވެ.

ސަލީމް ވިދާޅުވީ، މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުތައް ބެއްލެވުމަށް، ދައުވަތު އެރުވިފައިވާ ފަރާތްތައް މާދަމާރޭ ގައުމީ ފުޓުބޯޅަ ދަނޑަށް 7:30 އިން ފެށިގެން ވަޑައިގެންނެވުމުން ދަނޑަށް ވަދެވޭނެ ކަމަށެވެ.

ހޯމް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ހެވިކަމާއި ކުޅިވަރުތައް ބެލުމަށް ދައުވަތު އެރުވިގެން ވަޑައިގަންނަވާ ފަރާތްތަކަށް ދަނޑަށް ވަދެވޭނެ އެންމެ ފަހު ވަގުތަކީ 8:45 ކަމަށާއި، 8:45 ގައި ދަނޑުގެ ގޭޓުތައް ބަންދު ކުރެވުމުން އެތަނަށް ދެން ނުވަދެވޭނެ ކަމަށެވެ.

މިނިވަން ދުވަހުގެ ހެވިކަމުގެ ކުޅިވަރުތައް ކުރިން ހަމަޖެހިފައި އޮތީ މިރޭ ބާއްވާ ގޮތަށެވެ. އަދި މިރޭ ބާއްވާ އެ ހަރަކާތްތަކުގައި ސްކޫލްތަކުގެ ދަރިވަރުންނާއި އެކިއެކި ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވާތީ، ޖުލައި 31 ވާ އާދީއްތަ ދުވަހަކީ ސަރުކާރުން ހަމަޖެއްސި އެވެ.

އެހެން ނަމަވެސް އެ ހަރަކާތްތައް ޖުލައި 31 ވަނަ ދުވަހުގެ ރެއަށް ފަސް ކުރުމަށް ހޯމް މިނިސްޓްރީން ނިންމި ނިންމުމާ ގުޅިގެން، ޖެހިގެން އޮންނަ އޯގަސްޓް އެކެއް ވާ ހޯމަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމެއް އެނގިފައެއް ނުވެ އެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ތިން ފަހަރަށް ވައިޓް އެލާޓް ނެރެފައި ވެ އެވެ. އޭގެ ތެރެއިން، މާލެ ހިމެނޭ ސަރަހައްދަށް ވެސް މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވެ އެވެ.

ޅ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ވާ ސަރަހައްދަށް މިރޭ އިރުއޮއްސި 6:00 އިން ފެށިގެން މެންދަމު 12 ޖަހަން ދެން ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރެ އެވެ. އަދި އެ ސަރަހައްދަށް ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާ ކުރެ އެވެ.