މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު، ހައުސިންގ ޑިވެލޮޕްމެންޓް އެންޑް ފައިނެންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށް ލިބުނު ފައިދާ، ފުރަތަމަ ކުއާޓަރާ ދާދި އެއްވަރު ކަމަށް ދައްކައިފި އެވެ.

އެޗްޑީއެފްސީގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާ ގޮތުގައި، އެކުންފުންޏަށް ލިބުނީ 35.2 މިލިޔަން ރުފިޔާގެ އާމްދަނީއެކެވެ. އެއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 34.8 މިލިޔަން ރުފިޔާއާ އަޅައިބަލާއިރު އެންމެ ޕަސަންޓެއްގެ ކުރިއެރުމެކެވެ.

އޭޕްރިލް މަހުން ފެށިގެން ޖޫން މަސް ނިމުމާ ހަމައަށް އެޗްޑީއެފްސީއަށް ފައިދާގެ ގޮތުގައި 18.4 މިލިޔަން ރުފިޔާގެ ފައިދާ ލިބިފައިވެ އެވެ. އެއީ ފުރަތަމަ ކުއާޓަރާ އަަޅައިބަލާއިރު އެއް ޕަސަންޓުގެ ދަށް ވުމެކެވެ. ފުރަތަމަ ކުއާޓަރުގައި އެޗްޑީއެފްސީއަށް ލިބުނީ 18.6 މިލިޔަން ރުފިޔާގެ ފައިދާ އެވެ.

އެޗްޑީއެފްސީއަކީ، 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން، ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު އުފެއްދި ކުންފުންޏެކެވެ. އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 ޕަސަންޓު ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރު އެވެ.

އެޗްޑީއެފްސީގެ 51 ޕަސަންޓު ހިއްސާގެ ވެރި ފަރާތްތަކަކީ، 18 ޕަސަންޓު ހިއްސާ އޮންނަ އިސްލާމިކް ފައިނެންސް ކޯޕަރޭޝަނާއި، 18 ޕަސަންޓު ހިއްސާ އޮންނަ އޭޝިއަން ޑިވެލޮޕްމެންޓް ބެންކުގެ އިތުރުން، 15 ޕަސަންޓު ހިއްސާގެ ވެރި، އިންޑިއާގެ އެޗްޑީއެފްސީ އިންވެސްޓްމެންޓެވެ.

އެޗްޑީއެފްސީ އުފެދުނީއްސުރެ އަހަރުން އަހަރަށް އެކުންފުނީގެ ފައިދާ ދަނީ އިތުރުވަމުންނެވެ. ދެހާސް ބާރަ ވަނަ އަހަރުއެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 48.9 މިލިޔަން ރުފިޔާ ލިބިފައި ވެ އެވެ. ޖެހިގެން އައި އަހަރުގެ ސާފު ފައިދާ 50.9 މިލިޔަނަށް އުފުލުނު އިރު، 2014 ވަނަ އަހަރު އެކުންފުނީގެ ސާފު ފައިދާ 54.9 މިލިޔަނަށް މައްޗަށް ޖެހިފައި ވެ އެވެ.

މިދިޔަ އަހަރު އެކުންފުނީގެ ސާފު ފައިދާ، އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު 10 ޕަސަންޓު އިތުރުވި އެވެ. މިދިޔަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި 60.5 މިލިޔަން ރުފިޔާ ލިބުނެވެ.