މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ދިރާގު ޕލކ. އަށް ލިބުނު ވިޔަފާރީގެ ފައިދާއަށް ވުރެ ދެވަނަ ކުއާޓަރުގެ ފައިދާ 24 ޕަސަންޓު ދަށަށް ހިނގައްޖެ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގެ ދިރާގުގެ މާލީ ރިޕޯޓު އާންމު ކޮށްފައިވާ އިރު، އެ ރިޕޯޓު ދައްކާ ގޮތުގައި އޭޕްރިލް މަހުން ފެށިގެން ޖޫން މަސް ނިމުމާ ހަމައަށް ދިރާގަށް 577.3 މިލިޔަން ރުފިޔާ ލިބިފައި ވެ އެވެ. ޚަރަދުތައް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ދިރާގަށް 229.8 މިލިޔަން ރުފިޔާ ލިބުނު އިރު، ޓެކްސް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބިފައި ވަނީ 194 މިލިޔަން ރުފިޔާ އެވެ.

މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު 61.5 މިލިޔަން ރުފިޔާ މަދު އަދަދެކެވެ. ފުރަތަމަ ކުއާޓާރުގައި ދިރާގަށް 664.8 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ އިރު، ޚަރަދުތަކާއި ޓެކްސް ކެނޑުމަށް ފަހު ދިރާގަށް ލިބުނު ސާފު ފައިދާއަކީ 255.5 މިލިޔަން ރުފިޔާ އެވެ.

އެހެން ނަމަވެސް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 194 މިލިޔަން ރުފިޔާގެ ފައިދާއަކީ 2015 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ފައިދާއަށް ވުރެ 6.65 ޕަސަންޓު އިތުރު މިންވަރެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ލިބިފައިވަނީ 181.9 މިލިޔަން ރުފިޔާގެ ފައިދާއެކެވެ.

ދިރާގުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައިވަނީ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު ދެވަނަ ކުއާޓަރުގެ އާމްދަނީ މަދުވީ ސީޒަނަލް ރޯމިންގގެ ޚިދުމަތް ބޭނުންކުރި މިންވަރު މަދުވުމުން ކަމަށެވެ. މީގެ އިތުރުން ކުންފުނީގެ ކޭޝް ފްލޯ ވެސް މި ކުއާޓަރުގައި މަދުވި ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެ އެވެ. ސަބަބެއް ކަމުގައި ދިރާގުން ބުނީ ކުންފުންޏަށް ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ދަށްވެ، އަދި ދިރާގުން ކޮށްފައިވާ ކެޕިޓަލް އިންވެސްޓްމެންޓުތައް އިތުރުވުމުންކަމަށެވެ.