ކޮންމެ ހަފްތާއެއްގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގެ ބޭރުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާދުއާކުރުމުގެ ހަރަކާތްކުރިއަށްދަނިކޮށް އެ ސަރަހައްދުން ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ތިން މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ، ހައްޔަރުކުރި ހަތް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުން އެ މީހުންގެ ތެރެއިން ތިން މީހަކު މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބާކީ ތިބި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ފުލުހުން އިއްޔެ ބުނީ އެ މީހުން ހައްޔަރުކުރީ އެއްވުން މަނާ ސަރަހައްދަކަށް އެއްވެއުޅެނިކޮށް އެ ސަރަހައްދު ދޫކޮށްދާން އެންގުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާތީ ކަމަށެވެ.