ތިލަފުށީގެ ސައިޓެއްގައި ބަނގުރާ ކެއްކުމުގެ މަސައްކަތް ކުރަމުން ދިޔަ ސްރީލަންކާގެ ދެމަފިރިން ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެފަދަ މައްސަލައަކާ ގުޅިގެން ތިލަފުށިން ބިދޭސީ ދެމަފިރިން ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންނާ އެކު އެމައްސަލައާ ގުޅުން ހުރި ބައެއް އާލާތްތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި ބަނގުރާ ހުރި ކަމެއް ނުވަތަ ނެތް ކަމެއް ވެސް އޮފިޝަލް ވިދާޅެއްނުވެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރޭ 9:30 އެހާކަންހާއިރު ފުލުހުން އެމީހުން ހައްޔަރުކޮށްފައި ވަނީ އެމީހުން ފެރީން އެރަށަށް ގޮސް ސައިޓަށް ވަންތާ ކުޑައިރުކޮޅެއް ފަހުންނެވެ. އަދި އޭރު އެމީހުން ތިބީ ސައިޓްގެ ތެރޭގައި ބަނގުރާ ކެއްކުމުގެ މަސައްކަތުގައިކަން ވެސް ސަން އަށް ވަނީ އިނގިފަ އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ފުލުހުން އެމީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައި ރޯވި ގުދަނާ ކައިރީގައި ހުންނަ ސައިޓެއްގެ ތެރެއިން ކަމަށާއި އެސައިޓްގެ ތެރޭގައި ބާ ކޮންޓޭނަރުތަކާ ބާވެހިކަލްތައް ހުރި ކަމަށެވެ.