19:00


2008 ވަނަ އަހަރުގެ ނޮވެމްބަރުމަހު އިންޑިޔާގެ މުމްބާއީގައި ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަޖްމަލް ކަސާބުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އިންޑިޔާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.


މުމްބާއީގެ 166 މީހަކު މަރުވެގެން ދިޔަ ހަމަލާއާ ގުޅިގެން ކޯޓުން ކަސާބުގެ މައްޗަށް 86 ދައުވާއެއް ކޮށްފައިވާއިރު އެހުރިހާ ދައުވާއެއްގެ ކުށް އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. މާދަމާ ކަސާބުގެ މައްޗަށް ހުކުމް އިއްވުމަށް ހަމަޖެހިފައިވާއިރު މިކަމާ ގުޅިގެން އޭނާ އަށް މަރުގެ ހުކުމް އަންނާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.


މިކަމާ ގުޅިގެން އިންޑިޔާގެ ހޯމް މިނިސްޓަރ ޕީ ޗިދަމްބަރަމް ވިދާޅުވެފައި ވަނީ ކަސާބުގެ މައްޗަށް އިއްވޭ ހުކުމް ވެގެންދާނީ ޕާކިސްތާނަށް ލިބިގެންދާނެ މެސެޖަކަށް ކަމަށެވެ. އަދި އެ މެސެޖަކީ އިންޑިއާއަށް ޕާކިސްތާނުގެ ޓެރަރިޒަމް އެތެރެކޮށްގެން ނުވާނެ ކަމުގެ މެސެޖް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 


ނަމަވެސް ކަސާބުގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިނަމަ އެކަމާ ދެކޮޅަށް އެޕީލް ކުރާނެ ކަމަށް ކަސާބާ އެއްކޮޅަށް އަޑުއުފުލާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.


މުހައްމަދު އަޖްމަލް ކަސާބަކީ މިޓެރަރިސްޓް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު 10 މީހުންގެ ތެރޭން މިވަގުތު ދިރިހުރި ހަމައެކަނި މީހާ އެވެ. އިންޑިޔާ ސިފައިން ވަނީ މި ހަމަލާގައި އިސްކޮށް އުޅުނު އަނެއް 10 މީހުން މަރާލާފަ އެވެ.