ބަނޑޮސް އައިލެންޑް ރިސޯޓްގައި މިއަހަރު އެކި ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދިޔަ ހަތަރު ތަމްރީނު ޕްރޮގްރާމެއްގެ ނިމުން ފާހަގަކޮށް ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

އެ ރިސޯޓުން މިއަހަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ޒުވާނުން ތަމްރީނުކުރުމަށް ހަތަރު ޕްރޮގްރާމެއް އެކި ފަރާތްތަކާ ގުޅިގެން ހިލޭ ސާބަހަށް ހިންގައިފަ އެވެ.

އޭގެ ތެރޭގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި ގުޅިގެން ސެޓްފިކެޓް ތިނެއް ލެވެލްގެ އިލެކްޓްރިކް ކޯހަކާއި، ސްވިސް އެސްއެޗްއެމްއެލް އާއި ގުޅިގެން ހިންގި "ޓްރެއިން ދަ ޓްރެއިނާ" ކޯހަކާއި ދިވެހި ބަހުގެ އެކެޑަމީއާ ގުޅިގެން ހިންގި "ފަތުރު ދިވެހި" ޕްރޮގްރާމްގެ އިތުރުން ބަނޑޮސް ރިސޯޓްގެ އެޕްރެންޓައިސްޝިޕް ޕްރޮގްރާމް ހިމެނެ އެވެ.

އިލެކްޓްރިކް ކޯހުގައި 19 ދަރިވަރެއް ބައިވެރިވެފައިވާ އިރު "ޓްރެއިން ދަ ޓްރެއިނާ" ގައި 10 ދަރިވަރަކު ވަނީ ބައިވެރިވެފަ އެވެ. އަދި ފަތުރު ދިވެހި ޕްރޮގްރާމްގައި 22 ދަރިވަރަކު ބައިވެރިވި އިރު އެ 22 ބައިވެރިން އެޕްރެންޓައިސްޝިޕް ޕްރޮގްރާމްގައި ވެސް ބައިވެރިވި އެވެ.

ބަނޑޮސް ރިސޯޓްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ލަތީފް އާއި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ އެވެ.

އެ ރަސްމިއްޔާތުގައި ބަނޑޮސް ރިސޯޓްގެ އިސްވެރިންނާއި ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވި އެވެ. ރަސްމިއްޔާތު ނިންމާލުމަށްފަހު ދަރިވަރުން ވަނީ މުނިފޫހި ފިލުވުމުގެ އައިޓަމެއް ހުށަހަޅައިދީފަ އެވެ.