ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދިން ހަމަލާއެއްކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.

އެމްނެސްޓީ އިން އިއްޔެ ނެރުނު ބަޔާނުގައި އެޖަމްއިއްޔާއިން ވަނީ ހިޔާލު ފާޅު ކުރުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް އެކުލަވާލާފައިވާ ބިލު ވަގުތުން އަނބުރާ ގެންދިޔުމަށް ނުވަތަ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާއި މިންގަނޑުތަކަށް ފެތޭ ގޮތަށް އިސްލާހު ކުރުމަށް ގޮވާލާފައެވެ.

އެގޮތުން ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް ފަދަ ރާއްޖެ ބައިވެރިވާ އެތައް މުއާހަދާއެއްގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިބިފީދައިވާ ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ހުރަސްތައް އެކި ގޮތްގޮތަށް މާނަ ކުރެވޭ ގޮތަށް އޮވެގެން ނުވާނެ ކަން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކުގައި ބުނެފައިވާ ކަން އެމްނެސްޓީން ފާހަގަ ކުރި އެވެ.

ނަމަވެސް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު އެކުލަވާލާފައި ވަނީ އޮޅުން އަރާ ގޮތަށް ކަމަށާއި އޭގެ ސަބަބުން ސަރުކާރަށް ފާޑު ކިޔާ ނޫސްވެރިންނާއި މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް އެމްނެސްޓީގެ ބަޔާނުގައިވެ އެވެ.

އަދި ސުލްހަވެރި ފާޑުކިޔުންތައް ހުއްޓުވުމުގެ ގޮތުން އަބުރުގެ ގާނޫނޫ ބޭނުން ކުރުމަކީ ހިޔާލު ފާޅު ކުރުމުގެ ހައްގަށް އަރައިގަތުން ކަމަށާއި އަބުރުގެ ދައުވާ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލުމަކީ އެމްނެސްޓީން ދެކޮޅު ހަދާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން އެމްނެސްޓީގެ ބަޔާނުގައި އެޖަމިއްޔާއިން ވަނީ އަބުރުގެ ބިލް ހުށަހަޅާފައި ވަނީ ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށްފައިވާ ދަނޑިވަޅެއްގައި ކަމަށް ބުނެފައެވެ. އެގޮތުން ފުލުހުން ވަނީ ސުލްހަވެރި މުޒާހަރާއެއް ކުރަމުން ދިޔަ 16 ނޫސްވެރިން އޭޕްރިލް މަހު ހައްޔަރުކޮށްފައި ކަމަށާއި އަބުރުގެ ބިލާ ގުޅިގެން މިހަފްތާ ތެރޭގައި ނޫސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާއަކަށް ހުރަސް އަޅާފައިކަން ފާހަގަކޮށްފަ އެވެ.

އަދި ސަރުކާރުގެ އިސް އޮފިޝަލުންނާ ދެކޮޅަށް ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތުތައް ކޮށްފައިވާ ދަނޑިވަޅެއްގައި އެބިލް ހުށަހަޅާފައި ވަނީ މީޑިއާތަކުން އެފަދަ ތުހުމުތުތައް ހާމަ ކުރުން ހުއްޓުވުމުގެ ގޮތުން ކަމަށް ބުނެ އެމެންސްޓީގެ އިތުރުން އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކާއި މީޑިއާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު މަޖިލީހަށް ހުށަހެޅުއްވި އަބުރުގެ ބިލުގައި އެހެން މީހެއްގެ އަބުރާ ބެހިއްޖެ ނަމަ 50،000 ރުފިޔާ އިން 5،000،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ އެވެ.

އަދި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އެ ފައިސާ ނުދައްކައިފި ނަމަ މީހެއްގެ އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި ރާއްޖޭގެ އެއްވެސް ކޯޓެއްގައި މައްސަލަ އިސްތިއުނާފު ކުރެވޭނީ ވެސް ޖޫރިމަނާ ދެއްކުމުން ކަމަށް އަބުރުގެ ބިލުގައިވެ އެވެ.