ބުރުންޑީގައި ހިނގަމުންދާ ހަމަނުޖެހުމާއި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގޮތުން އދގެ ފުލުހުންގެ ފައުޖެއް އެގައުމަށް ފޮނުވަން އދ.ގެ ސަލާމަތީ ކައުންސިލުން ފާސްކޮށްފި އެވެ.

ފްރާންސުން ހުށަހަޅާފައިވާ އަދި ސަލާމަތީ ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ބުރުންޑީއަށް 228 ފުލުހުންގެ ފައުޖެއް ފޮނުވުމަށެވެ. ފްރާންސުން އދށް ކަނޑައަޅާފައިވާ ސަފީރު ވަނީ ބުރުންޑީގެ ހާލަތު ގޯސްވިޔަ ނުދިނުމަށްޓަކައި އެގައުމުގައި ކަންތައްތައް ހިނގަމުންދާ ގޮތް ސަލާމަތީ ކައުންސިލުން ބަލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މީގެ ކުރިން ބުރުންޑީގެ ސަރުކާރުން ވަނީ އެގައުމަށް 50ށް ވުރެ ގިނަ ފުލުހުން ގެންނަން އެއްބަސް ނުވާނެ ކަމަށް ބުނެފައެވެ.

ބުރުންޑީގެ ރައީސް ޕިއާ ކުރުންޒީޒާ ތިން ވަނަ ދައުރަކަށް ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް މިދިޔަ އޭޕްރީލް މަހު އިއުލާން ކުރެއްވުމުން އެގައުމުގައި ފެށުނު ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 400 އަށް އަރާފަ އެވެ. އަދި 200،000ށް ވުރެ ގިނަ މީހުންނަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ. (ބީބީސީ)