ކ. ދިއްފުށި ކައިރިން މޫދަށް ގޮސް އުޅެނިކޮށް މަރުވި މުހައްމަދު ޝަޒްލީމް، 24، މަރުވީ ފިޓު ޖެހިގެން ކަމަށް އޭނާ ބެލި ޑޮކްޓަރުންނާ ހަވާލާދީ އެ ރަށު ކައުންސިލުން ބުނެފި އެވެ.

ދިއްފުށީ ކައުންސިލުގެ ރައީސް ހުސައިން ޝަހުނީޒު މިއަދު "ސަން"އަށް ވިދާޅުވީ ފިޓު ޖެހުމަކީ ޝަޒުލީމަށް އާއްމުކޮށްވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ވަރަށް ފަހުން ވެސް އޭނާ އަށް އެފަދަ ކަމެއް ދިމާވި ކަމަށެވެ.

"ޝަޒްލީމު މަރުވީ ފިޓު ޖެހިގެން. އެއީ އޭނާ އަށް [ޝަޒްލީމް] އަށް އާއްމުކޮށްވާ ކަމެއް ހަމަ. ދާދިފަހުން އޭނާ ތުލުސްދޫ ކައިރިއަށް ގޮސް ފީނަން އުޅުމުގެ ތެރޭގައި ވެސް ފިޓު ޖެހުނު،" ޝަހުނީޒު ވިދާޅުވި އެވެ.

މާލޭގައި ވަޒީފާ އަދާ ކުރަމުން އަންނަ ޝަޒްލީމަކީ ބަންދެއް ލިބިއްޖެ ނަމަ ރަށަށް ގޮސް، މޫދަށް ގޮސް އުޅުމުގައި ގިނަ ވަގުތު ހޭދަ ކުރާ ޒުވާނެއް ކަމަށް ޝަހުނީޒު ވިދާޅުވި އެވެ.

"ޒުވާން އުމުރު އެކަހަލަ ގޮތަކަށް ދެއްތޯ އުޅޭނީ. ހަމަ ބަންދެއް ވެއްޖިއްޔާ ރަށަށް އައިސް އުޅޭނީ ހަމަ މޫދަށް ދިއުމުގައި." ޝަހުނީޒު ވިދާޅުވި އެވެ.

ދިއްފުށި ތުނޑީކޮޅަށް މޫދަށް ގޮސް އުޅެނިކޮށް ޝަޒްލީމް މަރުވީ އިއްޔެ މެންދުރު ފަހު 3:00 އާއި 3:30 އާ ދެމެދުގެ ވަގުތެއްގަ އެވެ.