30 Jul 2016, 11:51
އުތުރު ކެލިފޯނިއާ ނުވަތަ އެމެރިކާގެ ސިލިކަންވެލީގައި ގާއިމްވެފައިވާ ދުނިޔޭގެ ބޮޑެތި ހައިޓެކް ކުންފުނިތަކުގެ އިސްވެރިންނާ، ހިލަރީ ކްލިންޓަނާ އޮންނަ ގާތް ގުޅުމަކީ ސިއްރެއް ނޫނެވެ. އެގޮތުން ހިލަރީގެ ކެމްޕޭން ހަރަކާތްތަކަށް ފައިސާ ހޯދުމަށް ބާއްވާ ފަންޑްރެއިޒިންގް އިވެންޓް ހޯސްޓްކޮށްދެއްވަން ހަމަޖެހިފައި ވަނީ މަޝްހޫރު އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި އަހަރުގެ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ހިލަރީއަށް އެ އިންތިޚާބު ކާމިޔާބު ކުރުމަށް ހިންގާ ފަންޑްރެއިޒިންގް އިވެންޓްގައި ޓިމް ބައިވެރިވެވަޑައިގަންނަވަނީ، އެޕަލްގެ ފަރާތުން ނޫންކަމަށް ވެސް ބަޒްފީޑް ނިއުސްގައި ބުނެފައިވެ އެވެ. އެހެންނަމަވެސް އަމިއްލަ ހައިސިއްޔަތުން އެޕަލްގެ ސީއީއޯ ކުރައްވާ އެ މަސައްކަތުގައި އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް އޮފް އެންވަޔަރަންމަންޓް، ޕޮލިސީ އެންޑް ސޯޝަލް އިނިޝިއޭޓިވް ލީސާ ޖެކްސަންވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ހިލަރީ ވިކްޓަރީ ފަންޑުގެ ނަމުގައި ކުރިއަށް ގެންދާ އެ ހަރަކާތް އޮންނާނީ އޯގަސްޓް 24 ވަނަ ދުވަހު އެވެ. އެ ހަފްލާއަށް ވަޑައިގަންނަވާ ފަރާތްތަކާ ޓިމް ކުކް ވާހަކަފުޅު ދެއްކެވުމަށް ވެސް ހަމަޖެހިފައިވާ ކަަމަށް ބަޒްފީޑުން ބުނެ އެވެ.
ބަޒްފީޑުން ބުނީ، މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެ ނޫހުން ހިލަރީއަށް ވެސް އަދި ޓިމް ކުކްއަށް ވެސް ގުޅަން މަސައްކަތްކުރި ކަމަށާއި އެހެން ނަމަވެސް އެ ދެބޭފުޅުންގެ ފަރާތުން ވެސް ކޮމެންޓެއް ލިބޭގޮތް ނުވި ކަމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު ގާތްވަމުން އަންނަ އިރު، އެޕަލް ކުންފުނީގެ ފަރާތުން ދަނީ، ޑިމޮކްރޭޓުންގެ އިތުރުން ސިޔާސީ ވާދަވެރީން ކަމަށްވާ ރިޕަބްލިކަން ޕާޓީއާ ވެސް ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން ކުކް ވަނީ، ރިޕަބްލިކަން ސްޕީކާ އޮފް ދަ ހައުންސް، ޕައުލް ރަޔާންގެ ކެމްޕޭނަށް ފައިސާ ހޯދުމަށް ވެސް މިފަދަ ފަންޑްރެއިޒިންގް އިވެންޓެއްގައި މީގެ ކުރިން މަސައްކަތްކޮށްދެއްވައިފަ އެވެ.
އެޕަލްގެ ސީއީއޯއާއި އަދި އެނޫން ވެސް އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް، ރިޕަބްލިކަނުންނާއި ޑިމޮކްރޭޓުންނާ ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ނަމަވެސް، ރިޕަބްލިކަން ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕާ އެހާ ގާތްގުޅުމެއް ނުބާއްވާކަމަށްވެ އެވެ. ސަބަބަކީ ޓްރަމްޕް މީގެ ކުރިން ވަނީ އެޕަލްގެ އުފެއްދުންތައް ބޮއިކަޓްކުރުމަށް ގޮވާލައްވައިފަ އެވެ.
އެމެރިކާގެ ތާރީޚުގައި ވެސް މައި ޕާޓީއެއްގެ ރިޔާސީ ޓިކެޓް ހޯއްދެވި ފުރަތަމަ އަންހެން ކެންޑިޑޭޓް ކަމަށްވާ ހިލަރީއަށް މިހާރުވެސް ވަރަށް ގިނަބައެއްގެ މަދަދާއި އެހީތެރިކަން ލިބެމުން ދެ އެވެ.