30 Jul 2016, 11:47
އިންޑިއާގެ ބަތަލާ ސޮނާކްޝީ ސިންހާގެ ކުރިއަށް އޮތް ފިލްމު، "އަކީރާ" ގައި ސޮނާކްޝީ އަމިއްލަ އަޑުން ކިޔައިފައިވާ ލަވައެއް ހިމެނޭނެ ކަމަށް އޭނާ ބުނެފި އެވެ.
ބޮލީވުޑުގެ ފަންނާނުން ލަވަކިޔުމުގެ ތެރެއަށް ވަނުމަކީ މިހާރު އާންމު ކަމެކެވެ. އާލިއާ ބަޓް، ޝްރައްދާ ކަޕޫރް، ޕްރިޔަންކާ ޗޯޕްޅާ އަދި ސަނީ ލިއޯން ވެސް މިހާރު ވަނީ ލަވަކިޔަން ފަށައިފައެވެ.
ލަވައާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސޮނާކްޝީ ބުނީ އެ ލަވައަކީ ރުޅީގެ މައްޗަށް ލިޔެފައިވާ ލަވައެއް ކަމަށެވެ.
އަދި "އަކީރާ" ގައި އޭނާ އަދާކުރާ "ހައި ރަންޖިޝެން" އަކީ ހިތްވަރު އެލުވާލުމެއް ނެތި އަބަދުވެސް ކާމިޔާބު ހޯދުމަށް މަސައްކަތް ކުރާ މީހެއް ކަމަށް ސޮނާކްޝީ ބުންޏެވެ.
"އަހަންނަށް ލަވަ ކިޔުމަށް އެހީތެރިވެދިނީ ޝޭކަރު ރާވްޖިއަނީ. މައިކް ފުރަގަހުގައި 30 ވަރަކަށް މިނެޓު ހޭދަކުރިން. ބަޔާންކުރަން ދަތި އިހުސާސެއް ކުރެވުނީ،" ސޮނާކްޝީ ބުނެފައިވެ އެވެ.
ސޮނާކްޝީ ބުނީ ލަވަ ކިޔަން އެއްވެސް ވަރަކަށް ރިހާސަލް އެއް ކޮށްފައި ނުވާނެ ކަމަށެވެ.
"ހަމަ ސްޓޫޑިއޯ އަށް ދިޔަ ގޮތަށް ބައި ގަޑި އިރު ތެރޭގައި ލަވަ ރެކޯޑުކޮށް ނިންމާލީ. އަހަރެން އަބަދުވެސް ވަރަށް ލަވަކިޔާ ހިތްވޭ،" އޭނާ ބުންޏެވެ.