އިންޑިއާގެ ޖަންގަލިތަކުގައި ދިރިއުޅޭ މިނިކާވަގުގެ ނަސްލު ހިމާޔަތް ކޮށްދިނުމަށް އެދި، ބޮލީވުޑުގެ ތަރި ޓައިގާ ޝްރޯފް އިންޑިއާ ސަރުކާރަށް ސިޓީއެއް ފޮނުވައިފި އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ މިނިކާވަގުގެ ދުވަހު، އިންޑިއާގެ އެންވަޔަރަންމެންޓު މިނިސްޓަރު އަނިލް މާދަވް ދޭވް އަށް ފޮނުވި ސިޓީއެއްގައި ޓައިގާ ބުނެފައި ވަނީ މިނިކާވަގު ހިމާޔަތް ކުރުން އެންމެ ރަނގަޅީ އޭގެ ގުދުރަތީ މާހައުލުގައި ކަމަށެވެ.

ޓައިގާ ވަނީ ދާދި ފަހުން އިންޑިއާގެ ހައިވާނު ބަގީޗާއެއްގައި އޮތް އަންހެން މިނިކާވަގެއްގެ ބެލެހެއްޓުމާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ހަރަދުތައް ކުރާ ގޮތަށް އެ މިނިކާވަގު ސްޕޮންސަރ ކޮށްފައެވެ.

"އަހަރެން އުންމީދު ކުރަން މި ސަރުކާރުން އިންޑިއާގެ ޖަންގަލިތައް ރައްކާތެރިކޮށް، މިނިކާވަގާއި އެހެން ޖަނަވާރުތަކުގެ ނަސްލު ހިމާޔަތް ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް،" ޓައިގާގެ ސިޓީގައި ބުނެފައިވެ އެވެ.

ޓައިގާ ބުނީ ހައިވާނު ބަގީޗާއެއްގައި ޖަނަވާރުތަކުގެ ނަސްލު ހިމާޔަތް ކުރުމުގެ ބަދަލުގައި، އެ ތަކެތީގެ ގުދުރަތީ މާހައުލުގައި ރައްކާތެރި ކަމާއެކު ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އެކްޝަން ހީރޯ" އެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ ޓައިގާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސުޕަހީރޯ ފިލްމު، "އަ ފްލައިންގ ޖެޓް" އިންނެވެ.