ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރި ކަމަށް ބުނާ މީހަކު ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓު އަމުރު ކުރުމަށް ފަހު ހަމަ އެ ކޯޓުގެ ސިޓީއަކުން އޭނާ ގޭގައި ބަންދު ކުރުމަށް ފުލުހުންނަށް އެންގުމުން، އެ ސިޓީއަކީ ބާތިލް ސިޓީއެއް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ސިޓީއަކުން ޏ. ފުވައްމުލަކު، ޑެއިލީބްލޫ، އަބްދުއްލަތީފް މުހައްމަދު ގޭގައި ބަންދު ކުރުމަށް ފުލުހުންނަށް އެންގުމުން އެ މައްސަލަ ކޯޓަށް ވައްދާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހުންނެވެ.

އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އަބްދުއްލަތީފުގެ ކާރުގެ ޑިކީގެ ތެރެއިން އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ މައްސަލައިގައި އޭނާއަކީ މުޖްތަމައުއަށް ނުރައްކާތެރި މީހެއް ކަމަށް ބުނެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަން އެނގޭ ކަމަށެވެ. އެކަމަކު ހަމަ އެ ކޯޓުގެ ސިޓީއަކުން މެއި 12، 2011 ގައި އޭނާ ގޭގައި ބަންދު ކުރުމަށް ފުލުހުން އަންގާފައިވާކަން ވެސް ޝަރީއަތަށް ހުށަހަޅާފައިވާ ލިޔެކިޔުމުން އެނގޭ ކަމަށް ހައި ކޯޓުން ބުނެފައިވެ އެވެ.

ހައި ކޯޓުން ބުނެފައި ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުން ނަމަ ބަންދުގެ މުއްދަތު އިތުރު ކުރަންވާނީ އާންމުކޮށް ހުޅުވާލައިގެން ހިންގާ މަޖިލީހެއްގައި ކަމަށާއި ޝަރީއަތުގެ މަރުހަލާގައި ނަމަ ބަންދާމެދު ގޮތެއް ނިންމާނީ އެ މައްސަލަ ބަލާ ފަނޑިޔާރެއް ކަމަށެވެ. އަދި ކަފާލާތުގެ އުސޫލުން ވެސް އެމީހަކު ބަންދުން ދޫކޮށްލުމަށް ނުވަތަ ލުޔެއް ދިނުމުގެ ބާރު ލިބިގެންވަނީ އެ މައްސަލައެއް ބަލާ ފަނޑިޔާރަކަށް ކަމަށް ގަވާއިދުގައި ބުނެފައިވާ ކަމަށް ހައި ކޯޓުން ބުނެފައިވެ އެވެ.

އެހެންކަމުން އަބްދުއްލަތީފްގެ ޝަރީއަތް ނިމެންދެން އޭނާ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނިކޮށް ހަމަ އެ ކޯޓުގެ ސިޓީއަކުން އަބްދުއްލަތީފް ގޭގައި ބަންދު ކުރުމަށް ފުލުހުންނަށް އަންގާފައި ވަނީ، ބަންދުގައި މުއްދަތު އިތުރު ކުރުމުގެ ގަވާއިދުގައި ބުނާ އުސޫލުތަކަށް ރިއާޔަތްނުކޮށް ކަމަށެވެ.

"...ކްރިމިނަލް ކޯޓުގެ ނަންބަރު ]ކޯޓު އަމުރުގެ ނަންބަރު[ގެ ކޯޓު އަމުރުން އަބްދުއްލަތީފް މުހައްމަދު މުޖްތަމައުގެ ސަލާމަތަށްޓަކައި ޝަރީއަތުން ގޮތެއް ނިމެންދެން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނިކޮށް، އެ އަމުރުގެ ފާއިލިއްޔަތު ގެއްލޭ ގޮތަށް ސިޓީއަކުން އަބްދުއްލަތީފް މުހައްމަދު ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް އެ ކޯޓުން އަމަލު ކުރި ގޮތެއް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުންނަށް ގަބޫލެއް ނުކުރެވޭ،" ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހައި ކޯޓުން ބުނެފައި ވަނީ އަބްދުއްލަތީފް ގޭ ބަންދަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް އަންގާފައި އެންގުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް އަންގާފައިވާ އެންގުމެއް ކަމަށެވެ. އަދި އެ ސިޓީއަށް ފުލުހުން ތަބާވާން ނުޖެހޭނެ ކަމަށް ކަނޑައަޅައި، އެ ސިޓީ ބާތިލް ކުރީ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.