ކާބުލް(ޖުލައި 30): މަކަރާއި އޮޅުވާލުމެއްގެ ތެރެއިން ހަ އަހަރުގެ އަންހެންކުއްޖަކާ ކައިވެނި ކުރި މައްސަލައެއްގައި އަފްޣާނިސްތާނުގެ ދީނީ އިލްމުވެރިއަކު ހައްޔަރުކޮށްފިއެވެ.

އަފްޣާނިސްތާނުގެ އަމަނާބެހޭ ފަރާތްތަކުން ބުނީ މަކަރު ހެދުމާއި އޮޅުވާލުމެއްގެ ހާދިސާއަކާ ގުޅިގެން އަފްޣާން ދީނީ އިލްމުވެރިއެއްކަމަށްވާ މުއްލާ ސައްޔިދު މުހައްމަދު ކަރީމް (60 އަހަރު) ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއްކަމަށް ޝައްކު ކުރެވޭތީ އެމައްސަލަ ބަލައި ތަހްގީގު ކުރުމަށްފަހު އޭނާގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕަބްލިކް ޕްރޮސެކިއުޓަރަށް ފޮނުވާނެކަމަށްވެސް އަފްޣާން ފުލުހުންގެ މަސްއޫލުވެރިއަކު ވިދާޅުވިއެވެ.

މުއްލާ ސައްޔިދު މުހައްމަދު ކަރީމް ހައްޔަރުކޮށްފައިވަނީ އަފްޣާނިސްތާނުގެ މެދުތެރޭގައިވާ ޣޫރު ޕްރޮވިންސުންނެވެ. އޭނާގެ މައްޗަށް ތަހުގީގު ކުރެވޭ މައްސަލަތަކުގެ ތެރޭގައި އޮޅުވާލުމެއްގެ ތެރެއިން ހަ އަހަރުގެ އަންހެން ކުއްޖަކާ ކައިވެނި ކުރުމުގެ އިތުރުން ކުއްޖަކު ވަގަށް ނެގުމާއި ފައިސާއާއި އެނޫންވަސީލަތްތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ކުޑަކުއްޖަކު އަޅުވެތި ކުރުމާއި ޖިންސީ ގޯނާކުރުންވެސް ހިމެނެއެވެ.

އަފްޣާނިސްތާނުގެ ގާނޫނު ބުނާގޮތުން ކައިވެނި ކުރެވޭނީ ބާލިޣުވެފައިވާ އަންހެންކުދިންނާއެވެ. އަދި ކުއްޖާގެ ބަލަދުވެރިޔާގެ ފަރާތުން ނޫނީ ކޯޓުގެ ފަނޑިޔާރެއްގެ ފަރާތުން ވަލީ ލިބެންޖެހޭނެކަމަށްވެސް ގާނޫނު ބުނެއެވެ.

ޣޫރު ސަރަހައްދުގެ ފުލުހުންގެ އޮފްސަރަކު ވިދާޅުވީ މުއްލާ ސައްޔިދު އަންހެން ކުއްޖާއާ ކައިވެނިކުރީ ވަލީއާނުލައި ކަމަށާ އަދި ކައިވެނިކޮށްފައިވަނީވެސް ސައްހަ ގޮތުގައި ނޫންކަމަށެވެ.

މީގެއިތުރުން މުއްލާ ސައްޔިދު، އެ އަންހެން ކުއްޖާގެ ގެއަށްގޮސް އެކުއްޖާގެ މައިން ބަފައިން ނެތްވަގުތެއްގައި އެކުއްޖާ ވަގަށްނެގީކަމަށް އެކުއްޖާގެ މަންމައާއި ބައްޕަ ބުނާކަމަށްވެސް ފުލުހުންގެ އޮފްސަރު ވިދާޅުވިއެވެ. ނަމަވެސް ފުލުހުންގެ މަރުކަޒަށް ޙާޒިރުކޮށް ސުވާލު ކުރުމުން މުއްލާ ސައްޔިދު ބުނެފައިވަނީ އޭނާ އަންހެން ކުއްޖާއާ ކައިވެނިކުރީ އެއީ ފަގީރު އާއިލާއެއްގެ ކުއްޖަކަށްވާތީ އެކުއްޖާ އޭނާގެ ގޭގައި ބަހައްޓައިގެން ބެލުމުގެ ބޭނުމުގައި ކަމަށެވެ.

އެކުއްޖާ އޭނާއަށް ލިބުނީ އެކުއްޖާގެ ބައްޕަގެ ފަރާތުން ހަދިޔާއެއްގެ ގޮތުގައި (ޖާރިޔާއެއްގެ ގޮތުގައި) ކަމަށާ އެއީ އެކުއްޖާގެ އާއިލާއަށް އޭނާ މާލީ ގޮތުން އެހީތެރިވާތީ އެކަމުގެ ބަދަލުގައި ހަދިޔާއެއްގެ ގޮތުގައި ލިބުނު އަންހެން ކުއްޖެއްކަމަށްވެސް މުއްލާ ސައްޔިދު ބުނެއެވެ.

ޣޫރު ސަރަހައްދުގެ އަންހެނުންނާބެހޭ އިދާރާގެ ވެރިޔާ މައުސޫމާ އަންވަރު ވިދާޅުވީ މުއްލާ ސައްޔިދުގެ ގެއަށްގޮސް ފުލުހުން އަންހެން ކުއްޖާ ގެނައިއިރު އެކުއްޖާވަނީ ބިރުން ހަލާކުވާ ހާލަތުގައި ކަމަށާއި އެކުއްޖާއަށް މުއްލާ ސައްޔިދުގެ ފަރާތުން ބިރުވެރިކަމާއި ނަފްސާނީ ގެއްލުންތަކެއް ލިބިފައިވާކަމުގައެވެ. އަދި އެކުއްޖާ ދެން ބަލަހައްޓާނީ ދައުލަތުންކަމަށާއި ކުއްޖާވެސް އެދެނީ އެގޮތަށްކަމަށް މައުސޫމާ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ދީނީ އިލްމުވެރިންގެ ތެރެއިން ބައެއްމީހުންނަކީ ފުރާވަރުގެ އުމުރަށްވެސް ނާރާ ވަރަށް ޅައަންހެން ކުދިންނާ ކައިވެނި ކުރުމަށް ޓަކައި އެކުދިންގެ މައިން ބަފައިންނަށް ދީނުގެ ކަންތައްތައް އޮޅުވާލާ ބައެއްކަމަށް އެގައުމުގެ މީޑިޔާއިން ބުނެއެވެ.

މިގޮތަށް އެމީހުން އަމަލުކުރަނީ އަމިއްލަ އެދުމާއި ޖިންސީ ބޭނުންތަކުގައި ކަމަށްވެއެވެ. ނަމަވެސް މިގޮތަށް ޅަ އަންހެންކުދިންނާ ކައިވެނި ކުރުންވަނީ އަފްޣާނިސްތާނުގެ ދީނީ އިލްމުވެރިންގެ ޖަމިއްޔާއިންވެސް މަނާކޮށްފައެވެ. އަދި އަފްޣާނިސްތާނުގެ މެދުމިނުގެ ދީނީ އިލްމުވެރިން ގެންދަނީ މިކަމާދެކޮޅަށް އަޑު އުފުއްލަވައި ދީން ހަތިޔާރަކަށް ބޭނުންކުރާ އެފަދަ "އިލްމުވެރިން" ގެ ދަލުގައި ނުޖެހުމަށް އަފްޣާން މީޑިޔާގެ ވަސީލަތްތައް ބޭނުންކޮށްގެން ދީނުގައި އެފަދަ ކަންކަން އޮންނަ ގޮތް ސާފުކޮށް އާންމުންނަށް އޮޅުން ފިލުވައިދީ މައިންބަފައިން ހޭލުންތެރި ކުރުވުމުގެ މަސައްކަތްވެސް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)