30 Jul 2016, 11:18
ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކެޓްރީނާ ކައިފް އަކީ އެއްވެސް އިރެއްގައި ނޫސްވެރިންނާ މީޑިއާތަކާ މާ ބޮޑަށް ރައްޓެހި ތަރިއެއް ނޫނެވެ. ހާއްސަކޮށް ޕަޕަރާޒީންނަކީ ކެޓްރީނާ އަބަދުވެސް ވަރަށް ނުރުހޭ ބައެއްކަން އޭނާ ވަނީ އެތައް ފަހަރަކު ސާބިތުކޮށްދީފަ އެވެ.
ކެޓްރީނާ އެންމެ ފަހުން ލޯބީގެ ގޮތުން ގުޅުނު ހުނަރުވެރި އެކްޓަރު ރަންބީރު ކަޕޫރު އާއި ރުޅިވުމަށް ފަހު، ގެއެއް ހޯދަން އުޅުމުގެ ތެރޭގައި ޕަޕަރާޒީ އަކު ވަނީ އޭނާގެ ފޮޓޯ އެއް ނަގައި އާންމުކޮށްފައެވެ.
އެ މައްސަލައިގައި ކެޓްރީނާ ރުޅިގަދަވެ، ހުއްދަ ނުހޯދައި ފޮޓޯ ނެގުމުން ފުލުހަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ. އިއްޔެ ވެސް މިވަނީ ހަމަ އެފަދަ ހާދިސާ އެއް ހިނގައިފައެވެ.
ކޮރެއޮގްރަފަރު ގަނޭޝް އާޗަރްޔާގެ ސްޓޫޑިއޯގައި ނެށުމަކަށް ފަރިތަކުރުމަށް ފަހު ކެޓްރީނާ ނުކުންނަނިކޮށް ޕަޕާރާޒީ އަކު ވަނީ ފޮޓޯއެއް ނަގައިފައެވެ.
ހަބަރުތައް ބުނާގޮތުން، ކެޓްރީނާ ސްޓޫޑިއޯ އިން ނުކުތީ ސިއްހީ މައްސަލައެއް ދިމާވެގެން ފަރުވާ ވެސް ހޯދުމަށް ފަހު އެވެ. އޭރު އޭނާގެ ހާލު ރަނގަޅު ނޫން ކަމަށާއި، އަދި އެގަޑީގައި ފޮޓޯ ނެގުމުން އޭނާ ރުޅި އައީ ކަމަށް ހަބަރުތައް ބުނެ އެވެ.
ކާރަށް އެރުމަށް ފަހު އަލުން ކާރުން ފައިބައި، އެ ސަރަހައްދުގައި ތިބި ޕަޕަރާޒީންނާ ދިމާލަށް ރުޅި އައިސްގެން އެއްޗެހި ކީ ކަމަށްވެ އެވެ. އަދި ފޮޓޯ ނެގި އެންމެނާ ދެކޮޅަށް ޕޮލިހަށް މައްސަލަ ހުށަހަޅާނެ ކަމަށް ވަނީ އިންޒާރު ދީފައެވެ.
ކެޓްރީނާގެ ފަހަތުން ފޮޓޯ ނަގާ މީހުން ދުވުމަކީ އޭނާ ގަބޫލު ކުރާ ކަމެއް ނޫނެވެ. ކެޓްރީނާގެ އުފަންދުވަހު ވެސް، އޭނާގެ ކާރު ފަހަތުން ފޮޓޯ ނަގާ މީހުން އަންނަތަން ފެނުމުން އޭނާ ވަނީ ކާރުން ފައިބައި، ފޮޓޯ ނެގުމުގެ ފުރުސަތު ދީފައެވެ. ނަމަވެސް އިތުރަށް އޭނާގެ ކާރު ފަހަތުން އައިސްގެން ނުވާނެ ކަމަށް ބުންޏެވެ.