ސަރުކާރާއި ސަރުކާރުގެ ވެރީންނަށް ފާޑު ކިޔައި ހެދުމަކީ އަބުރާ ބެހުން ނޫން ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

އިންޑިއާގެ ޓަމިލް ނާޑޫގެ ލާމަރުކަޒީ ސަރުކާރުގެ ޗީފް މިނިސްޓަރު ޖަޔަލަލީތާ ޖަޔަރާމްއާއި އޭނާގެ ސަރުކާރަށް ފާޑު ކިޔައި، ސަރުކާރުގެ ވެރީންނަކީ ކޮރަޕްޓު ބައެއް ކަމަށް ބުނެ ޓަމިލް ނާޑޫގެ ސިޔާސީ އެކްޓިވިސްޓު ވިޖަޔަކާންތު ވާހަކަ ދައްކަމުން ދާތީ، ސަރުކާރާއި ޗީފް މިނިސްޓަރުގެ އަބުރާ ބެހޭ ކަމަށް ބުނެ ޓަމިލް ނާޑޫގެ ސަރުކާރުން ވަނީ އޭނާ ހައްޔަރު ކޮށްފަ އެވެ.

އޭނާ ބުނެފައިވަނީ، ޖަޔަލަލީތާ ލީޑު ކުރަމުން ދަނީ ކޮރަޕްޓު ސަރުކާރެއް ކަމަށެވެ.

އޭނާ ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރު ބާތިލު ކުރުމަށް އެދި ސުޕްރީމް ކޯޓުގައި އޭނާ އެދިފައިވާ އިރު، ސުޕްރީމް ކޯޓުން އިއްޔެ ނިންމާފައި ވަނީ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކައި، ސަރުކާރަށް ފާޑު ކިޔުމަކީ އަބުރާ ބެހުން ނޫން ކަމަށެވެ.

"ސަރުކާރުގެ ކޮރަޕްޝަނާއި، މީހަކު ސަރުކާރު ހިންގުމަށް ހެޔޮ ނޫން ކަމަށް ބުނުމަކީ އަބުރާ ބެހުމެއް ނޫން. އެފަދަ ހާލަތްތަކުގައި އަބުރުގެ ދައުވާއެއް ނުކުރެވޭނެ،" އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ބުނެފައި ވެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އަބުރު ރައްކާތެރިކުރުމުގެ ގާނޫނުތައް ދައުލަތުގެ ފަރާތުން ނަގަހައްޓާ ކަމަށާއި، ނަމަވެސް އަބުރުގެ ގާނޫނުތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަށް ސަރުކާރުތަކުގެ ބައެއް މީހުން މަސައްކަތް ކުރާ ކަމަށެވެ.

"ފާޑު ކިޔުން ބަލައިގަންނަން ޖެހޭނެ. އަބުރުގެ ގާނޫނު ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުމެއް ނުކުރެވޭނެ،" ސުޕްރީމް ކޯޓުން ނިންމާފައި ވެ އެވެ.

ވިޖަޔަކަންތު ސަރުކާރަށް ފާޑު ކިޔައިގެން ޖުމްލަ 14 މައްސަލައެއް، އަބުރުގެ މައްސަލަތަކުގެ ގޮތުގައި ވަކިވަކިން އޭނާގެ މައްޗަށް ހުށަހަޅާފައި ވެ އެވެ.

ސުޕްރީމް ކޯޓުން ބުނީ، އެފަދަ ގޮތަކަށް ޓަމިލް ނާޑޫގައި އަބުރުގެ ދައުވާ ކޮށްފައިވާ މައްސަލަތައް ލިސްޓު ކުރުމަށްފަހު 14 ދުވަސް ތެރޭގައި ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.