ބޮލީވުޑް އަށް އައުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ދުނިޔޭގެ އެންމެ ރީތި ފިރިހެނާގެ ލަގަބު ފުރަތަމަ ފަހަރަށް ހޯދި އޭޝިއާގެ ރައްޔިތަކަށްވި އިންޑިއާގެ މޮޑެލް ރޯހިތް ކަންޑެލްވާލް ބުނެފި އެވެ.

އިންޑިއާގެ ހައިދަރުއާބާދަށް އުފަން އުމުރުން 26 އަހަރުގެ ރޯހިތް ބުނީ، ބޮލީވުޑް އަށް އައުމަކީ އޭނާ ހާސިލްކުރަން ބޭނުންވާ ކަމެއް ނަމަވެސް އެކަމަށް އަވަސް އަރުވާލައިގެން ނޫޅޭ ކަމަށެވެ.

"ބޮލީވުޑް އަކީ އަހަރެންގެ ލިސްޓުގައި ހިމެނޭ ކަމެއް. އެކަމަކު އެކަމަށް ނުކުންނާނީ ކޮން އިރަކު ކިހިނެތް އަދި ކޯއްޗަކުން ކަމެއް އަދި ނުނިންމަން. އަހަރެން އަދި މިދަނީ ފުލޯއާ އެކު،" މިދިޔަ އަހަރުގެ މިސްޓާ އިންޑިއާ ވެސް ހޯދި ރޯހިތް ބުންޏެވެ.

ބޮލީވުޑްގެ އިތުރުން އިޖްތިމާއީ ކަންތައްތަކުގައި ވެސް ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރަމުން ރޯހިތް ބުނީ، މިސް ވޯލްޑް ޖަމާއަތާ ގުޅިގެން އެ ޖަމާއަތުން ހިންގާ ތައުލީމަށް ކުޑަކުދިން ބާރުވެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި ވެސް ބައިވެރިވާން އޭނާ ބޭނުންވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ސައުތްޕޯޓުގައި ކުރިއަށް ދިޔަ މިސްޓާ ވޯލްޑް 2016ގެ ފައިނަލަށް ދިޔަ 46 ބައިވެރިންނާ ވާދަކޮށް އެއްވަނަ ހޯދި ރޯހިތް ވަނީ އިންޑިއާގެ ޓީވީ ސީރީސްތައް ކަމަށްވާ "ޔޭ ހޭ އާޝިގީ" އަދި "މިލިއަން ޑޮލާ ގާލް"ގައި ފެނިގެން ގޮސްފަ އެވެ.