29 Jul 2016, 20:59
މިއަހަރުގެ ދެވަނަ ކުއާޓަރުގައި، ބައިނަލްއަގުވާމީ ޓެލެކޮމް ކުންފުނި ޤަތަރުގެ އުރީދޫ ގްރޫޕަށް ފައިދާގެ ގޮތުގައި 905 މިލިޔަން ޑޮލަރު ލިބިއްޖެ އެވެ.
ދުނިޔޭގެ 12 ގައުމެއްގައި ވިޔަފާރި ކުރަމުން އަންނަ އުރީދޫއިން ގްރޫޕުން އާންމުކޮށްފައިވާ އެ ކުންފުނީގެ، މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، އޭޕްރިލް މަހުން ފެށިގެން ޖޫން މަސް ނިމުމާ ހަމައަށް އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.2 ބިލިޔަން ޑޮލަރު ލިބިފައި ވެ އެވެ. މިއީ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏާށް ލިބުނު 2.16 ބިލިޔަން ޑޮލަރުގެ އާމްދަނީއާ އަޅާ ބަލާއިރު 1.75 ޕަސަންޓުގެ ކުރިއެރުމެކެވެ.
އުރީދޫ ގްރޫޕަށް ފައިދާގެ ގޮތުގައި 873 މިލިޔަން ޑޮލަރު ލިބިފައި ވެ އެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި ލިބުނު ފައިދާ ވަނީ 905 މިލިޔަން ޑޮލަރަށް އުފުލިފަ އެވެ. އެއީ 3.7 ޕަސަންޓުގެ ކުރިއެރުމެކެވެ.
އުރީދޫ ގްރޫޕުން ބުނީ، އެ ކުންފުނީގެ އާމްދަނީ މި ކުއާޓަރުގައި އިތުރުވެފައި ވަނީ ގަތަރު، އޮމާން، އިންޑޮނޭޝިއާ، މިޔަންމާ، އަލްޖީރިއާ، ކުވައިތު، ފަލަސްތީން އަދި ރާއްޖޭގެ ލޯކަލް ފައިސާގެ އަގު ރަނގަޅު ވުމުން ކަމަށެވެ.
އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިޚް އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ޘާނީ ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން ދިޔަ ނަމަވެސް އުރީދޫއިން ދަނީ ކުރިއެރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ހޯދަމުން ކަމަށެވެ.
"އުރީދޫއިން މި ދަނީ މި ކުންފުނީގެ ޑިޖިޓަލް ސްޓްރެޓަޖީ އެކި މާކެޓުތަކުގައި ތަންފީޒުކޮށް، މުވާސަލާތީ ގުޅުން ދުނިޔޭގައި ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން،"
ޗެއާމަން ޝައިޚް އަބްދުﷲ ބިން މުހައްމަދު ވިދާޅުވީ އުރީދޫ ގްރޫޕުން ޑޭޓާ ނެޓްވޯކާއި އެހެނިހެން ޚިދުމަތްތަކަށް ކުރަމުން އަންނަ އިންވެސްޓްމެންޓުތަކަކީ ވިޔަފާރިއަށް ރަނގަޅު އިންވެސްޓުމެންޓުތަކެއް ކަމަށެވެ.