ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރިކަމުގެ ތުހުމަތަށް ރާއްޖޭގައި ހައްޔަރުކޮށްފައިވާ ސްރީ ލަންކާގެ ސްނައިޕަރެއް ކަމަށް ބުނާ މީހާ މިނިވަން ކުރަން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ޕާކިސްތާނުގެ ކުރީގެ އިންސާނީ ހައްގުތަކާ ގުޅޭ މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ އިންސާނީ ހައްގުތަކާ ގުޅޭ މިނިސްޓްރީގެ ކުރީގެ މިނިސްޓަރު އަންސާރު ބާނީ އެހެން ވިދާޅުވެފައިވަނީ، ސްނައިޕަރެއް ކަމަށް ބުނެ ރާއްޖޭގައި ހައްޔަރުކޮށްފައިހުރި 27 އަހަރުގެ ލަހިރޫ މަދުޝަންކާ ނަމަކަށް ކިޔާ މީހާގެ އާއިލާއާ އިއްޔެ ބައްދަލުކުރުމަށްފަހު އެވެ.

އޭނާ ވިދާޅުވީ، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިސްޓުންގެ އެއްބާރުލުން ވެސް އެ މައްސަލާގައި ހޯއްދެއްވުމަށް ވިސްނަވާ ކަމަށެވެ.

ދިވެހީންގެ ބަޔަކު ގިނަ އަދަދަކަށް ފައިސާދީގެން ރައީސް ޔާމީން އަވަހާރަކޮށްލަން އުޅޭ ކަމުގެ ތުހުމަތެއްގައި ލަހިރޫ ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު، ފުރަން ގޮސް އެއާޕޯޓުގައި ހުއްޓަ އެވެ.

ވަޒީފާއެއް ހޯދަން ރާއްޖެ އައި ކަމަށް އާއިލާއިން ބުނާ ލަހިރޫގެ މައްސަލަ ތަހުގީގު ކުރަމުންދާތާ މިހާރު އަށް މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު މިއަދާ ހަމައަށްވަނީ 23 ފަހަރަށް އިތުރުކޮށްފަ އެވެ.

ލަންކާގެ ސްނައިޕަރެއް ކަމަށް ބުނާ އެ މީހާ ރާއްޖެ ގެނައި މައްސަލާގައި ފުލުހުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ތިން ދިވެހިން ވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް އެ ތިން މީހުން ވެސް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށް ބުނެ ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ހިކިމަސް ގަންނަން ރާއްޖެއައި ކަމަށް ބުނާ ލަންކާ ސްނައިޕަރުގެ މައްސަލާގައި އޭނާ އަކީ ކުށެއް ނެތް މީހެއް ކަމަށް ލަންކާއިން ބުނާއިރު، އެގައުމުގެ ސަރުކާރުން ވަނީ އޭނާ އަކީ އެއްވެސް އަސްކަރީ ތަމްރީނެއް ލިބިފައިނުވާ މީހެއް ކަމަށް ބުނެފަ އެވެ.