ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ގޯލް ބަލަހައްޓަމުންދިޔަ ގާނާގެ އަބޫ ސުލޭމާނާގެ ކޮންޓްރެކްޓް އުވާލުމަށްފަހު، އެ ކްލަބަށް ޖަޕާނުގެ ކީޕަރެއް ގެނެސްފި އެވެ.

ނިއު އިން ބުނީ، އަބޫ އާއި ނިއުއާ މަޝްވަރާ ކުރުމަށްފަހު އޭނާގެ ކޮންޓްރެކްޓް އުވާލުމަށްފަހު ޖަޕާނުގެ ކީޕަރު ޔުން ކޮޗީ ޓީމަށް ގެނެސްފައިވާ ކަމަށެވެ.

މި ސީޒަނުގައި ނިއު އަށް މޮޅު ކުޅުމެއް ދައްކަމުންދިޔަ އަބޫގެ ބަދަލުގައި ގެނައި ޖަޕާނުގެ ކޮޗީ، މި ސީޒަނުގެ ނިޔަލަށް އެ ކްލަބުގައި ހުންނާނެ ކަމަށް ނިއު އިން ބުންޏެވެ.

ނިއުގެ ފޯވަޑް ލައިން ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމަށް ވަނީ ކޮސޯވޯ ފޯވާޑެއް ވެސް ގެނެސްފަ އެވެ. ކޮސޯވޯ ފޯވާޑް އަޑިސް ސަލީހީގެ އިތުރުން ބިދޭސީ ދެ ޑިފެންޑަރެއް މިހާރު ވެސް އެ ޓީމަށް ކުޅެ އެވެ. ބަލްގޭރިއާގެ ވެލިޗްކޯފް މިޓްކޯފް އާއި ނައިޖީރިއާގެ ސެގުން މައިކަލް އަކީ މި ސީޒަނުގައި ނިއުގެ ޑިފެންސް ލައިން ބެލެހެއްޓުމުގައި އިސް ދައުރެއް އަދާކުރަމުންދާ ދެ ޑިފެންޑަރުންނެވެ.

އެންމެ ފަހުގެ ލީގުގެ ޗެމްޕިއަން ނިއު މި ވަގުތު އޮތީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ހަތަރު ވަނައިގައެވެ. ލީގުގައި މިހާތަނަށް އެ ޓީމު ކުޅުނު ނުވަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.