މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ބަސްޓިއަން ޝުވެންސްޓެއިގާ ޖަރުމަން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ޖަރުމަން ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޝުވެންސްޓެއިގާ ގައުމީ ޓީމަށް ކުޅުން ހުއްޓާލި އިރު، އޭނާ ވަނީ އެ ޓީމަށް 120 މެޗު ކުޅެފަ އެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރަމުން ޝުވެންސްޓެއިގާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައުމީ ޓީމަށް ނުނެގުމަށް ކޯޗު ކައިރިން ވަރަށް ފަހުން އެދިފައިވާ ކަމަށާއި އޭގެ ސަބަބަކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ބޭނުންވާތީ ކަމަށެވެ.

"ގައުމީ ޓީމުގައި ހޭދަކުރި ދުވަސްތަކުގައި އަހަރެން ކާމިޔާބު އަދި އުފާވެރި ދުވަސްތަކަކާ ކުރިމަތިލިން. ޔޫރޯ 2016 ކާމިޔާބުކުރަން އަހަރެން ބޭނުންވިވަރު ކޯޗު ޔޯކިމް ލޯ އަށް އެނގޭނެ. އެކަމަކު އަހަރެމެންނަށް 1996 ވަނަ އަހަރަށްފަހު، ނުހޯދުނު މުބާރާތް އަހަރެމެންނަށް މިފަހަރު ވެސް ކާމިޔާބުވާގޮތް ނުވީ. ވޯލްޑް ކަޕް 2014 ކާމިޔާބުކުރުމަކީ އަހަރެންގެ ކެރިޔަރުގައި ލިބުނު ތާރީހީ ކާމިޔާބެއް،" އޭނާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޝުވެންސްޓެއިގާ ބުނީ، ގައުމީ ޓީމަކީ އޭނާ އަށް އާއިލާއެއް ފަދަ ބައެއް ކަމަށާއި އެ ގުޅުން އަބަދުވެސް އޮވެ، ވަރުގަދަވާނެ ކަމަށް އުންމީދުކުރާ ކަމުގައެވެ.

މި އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި ޖަރުމަން ޓީމަށް ޝުވެންސްޓެއިގާ ފަސް މެޗު ކުޅުނު އިރު، ގައުމީ ޓީމަށް އޭނާ ފުރަތަމަ މެޗެއް ކުޅެފައިވަނީ 2004 ވަނަ އަހަރު އެވެ. އޭނާ ވަނީ ޖަރުމަނާއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، 2006 އަދި 2010ގެ ވޯލްޑް ކަޕުގައި ޖަރުމަނަށް ތިން ވަނަ ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އޭގެ އިތުރުން ޔޫރޯ 2008ގެ ރިހި މެޑެލް ހޯދި ޖަރުމަނު ޓީމުގައި ވެސް އޭނާ ހިމެނުނެވެ.