29 Jul 2016, 15:23
ލަކްނޯ (ޖުލައި 29):އިންޑިއާގެ އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ ލަކްނީޕޫރު އަވަށުގައި 15 ރުޕީސްގެ ދަރަންޏެއް އަދާނުކޮށްގެން ފިހާރައެއްގެ ވެރިއަކު، ދެމަފިރިއަކު މަރާލައިފި އެވެ.
ބާރަތު ސިންހު އާއި މަމްތާ ސިންހު ކަމަށް އިންޑިއާގެ ނޫސްތަކުން ބުނާ ދެމަފިރިން ވަނީ މިދިޔަ ހަފްތާ ތެރޭގައި އެމީހުން ދިރިއުޅޭ އަވަށުގެ ފިހާރައަކުން 15 ރުޕީސްގެ ބިސްކޯދު ހޯދާފައި ކަމަށް ބާރަތުގެ މަންމަ ބުންޏެވެ.
އަދި އެފިހާރައިގެ ވެރިޔާ ދެމަފިރިންނަށް ކޯރާޑިއަކުން ހަމަލާ ދިނީ އިއްޔެ ބިސްކޯދުގެ އަގު ދޭން އޭނާ ބުނުމުން އެކަމަށް އަދި ވަގުތު ބޭނުންވާ ކަމަށް ދެމަފިރިން ބުނުމުން ކަމަށް މައްސަލަ ބަލުމުންދާ ފުލުހަކު ވިދާޅުވި އެވެ.
އެދެމީހުންގެ މަރާ ގުޅިގެން ފިހާރައިގެ ވެރިޔާ މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށާއި ކޯރާޑިވެސް ވަނީ ހޯދާފައި ކަމަށް ފުލުހުން ބުންޏެވެ.
އެހަމަލާގައި މަރާލާފައިވާ ދެމަފިރިންނަކީ އިންޑިއާގައި ދަށް ފަންތިއެއްގެ ގޮތުގައި ދެކެވޭ ދާލިތު ދަރިކޮޅަށް ނިސްބަތްވާ ބަޔެކެވެ. އަދި އެދެ މީހުންނަށް ކޯރާޑިއަކުން ހަމަލާދީ މަރާލާފައި ވަނީ މަތީ ފަންތިއަކަށް ނިސްބަތްވާ މީހެކެވެ. އެހެންކަމުން ދާލިތު ދަރިކޮޅަށް ނިސްބަތްވާ މީހުން ދަނީ ލަކްނީޕޫރުގެ މަގުތައް ބަންދުކޮށްގެން، މުޖުތަމައުގައި ތަފާތު ކުރުންތައް ގެންގުޅުމާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. (ޓައިމްސްނައު)